police 55

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެމައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ނޮޅިވަރަމާއި ރ. ދުވާފަރުގެ އިތުރުން ނ. ވެލިދޫގައެވެ.

މަސްތުވާތަކެތީގެއެ އޮޕަރޭޝަން ތަކުގެ ތެރެއިން ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް އަދި ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުން ދިރިއުޅޭތަން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިން ކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އޭގެ އިތުރުން، މި ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ހޮޅިކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހު ގެ މުއްދަތު ދީފައިވެއެވެ.