Lhohi school

ސްކޫލްތަކުގެ ބެލެނިވެރިންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ޅޮހި ސްކޫލްގެ ބެލެނިވެރިންނާއި ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގެ ތެރެއިން ޅޮހީ ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތުދީފައިވަނީ ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާ ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި، މުޖުތަމައަށް ފައިދާހުރި ރަނގަޅު އަހުލާގެއްގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމާއި ލޯތްބާއި އަޅާލުން ދިނުމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރީތިކޮށް ލޯބިން ކުދިންނާ މުއާމަލާތުކުރުމާއި ކުދިންނަށް ނަމޫނާ ބަޔަކަށް ބެލެނިވެރިން ވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނަށް އިތުރަށް އަހުލުވެރި ކުރުވުމުގެ ގޮތުން އެ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އެ ރަށު ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ވިޔަފާރިކުރުމަށްފަހު ފައިސާދެއްކި ކަމުގެ ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ހުށަހެޅެމުންދާތީ އެ ފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ފިހާރައިގައި ސީސީޓިވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ކުށްތަކަށް މަގުފަހިވާގޮތަށް އެ ރަށުގައި ހުރި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. އަދި ރަށުގެ އިސްރަށްވެހިންނާ ބައްދަލުކޮށް އެ މީހުންގެހުރި ކަންބޮޑުވުން ތަކާމެދު ވާހަކަދައްކައި އެކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެއެވެ.