11

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދ. ބަނޑިދޫ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެ ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ވިޔަފާރިކުރާ ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ފިހާރައިގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ، އަދި ވައްކަންކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ކުރެވެންހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް އަދި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ފުލުހުންނަށް އެހީތެރިކަން ދިނުމަށް ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ފިހާރަތެރޭގައި އަމަލުތައް ބެހެއްޓުމަށާއި ތިމާއާއި އަނެކުންގެ ސަލަމަތާއި ރައްކާތެރިކަމަށް މާސްކުއަޅައިގެން އުޅުމަށާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.