viber_image_2021-02-16_20-56-02

ސްކޫލް ދަރިވަރުންނަކީ މުޖުތަމައުއަށް ފައިދާހުރި އަދި ހޭލުންތެރި ބައެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި ސައިބަރ ކުރައިމް އާ ގުޅޭގޮތުން ތ.ގާދިއްފުށި ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

ގާދިއްފުށި ޕޮލިސް ސްޓޭޝަނުން މި ފެބްރުއަރީ މަހު 15 ވަނަ ދުވަހު ގާދިއްފުށި ސްކޫލްގެ ގްރޭޑް 7 ފެށިގެން ގްރޭޑް 10 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި މަގުމަތީގައި އުޅޭ އިރު ދަރިވަރުން ސަމާލުކަން ދޭންވީ ކަންތައްތަކާއި ދުއްވާ އެއްޗިއްސައް ސަމާލުވުމާއި، މަގުހުރަސްކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ލައިސަންސް ނެތި ސައިކަލް ދުއްވުމަކީ މަނާކަމެއްކަމާއި  ލައިސަންސް ނަގައިގެން ސައިކަލް ދުއްވޭ އުމުރުފުރައަކީ ކޮބައިކަން ދަރިވަރުންނަށް ބުނެދީފައިވެއެވެ.

މީގެއިތުރުން ސައިބަރ ކުރައިމް އަކީ ކޮބައިކަމާއި ސައިބަރ ބްލީންގއާއި މީސްމީޑިއާގައި ސައިބަރ ބްލެކް މެއިލް ކުރަމުންދާ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ބެލެނިވެރިއެއްގެ އިރުޝާދާއިނުލައި މީސްމީޑިއާ ބޭނުން ނުކުރުމާއި، ސައިބަރ ކުރައިމް ގެ މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި ގާދިއްފުށި ސްކޫލްގެ 28 ދަރިވަރުން ބައިވެރިވެފައިވެއެވެ.