
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ. މާމިގިލި ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މިއަދުގެ ވަގުތެއްގައި އދ. މާމިގިލީގައެވެ.
ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިއަރު ދަޅު ހިމެނޭއިރު މި ތަކެއްޗަކީ 2020 އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.
އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 37 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 62 ފުޅިބަނގުރަލާއި 21 ދަޅު ބިޔަރެވެ.