
މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި ފުލުހުން އެންމެ ކުރީ ސަފުގައި މަސައްކަތްކުރާއިރު، އެމަސައްކަތުގައި މުޅި މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ވ. ކެޔޮދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި ފުލުހުން ކުރާ މަސައްކަތުގައި މުޖުތަމައުގެ އެއްބާރުލުން ލިބި ދެމެހެއްޓިގެންދާ ގޮތުގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކޮށް ރައްޔިތުންނާ އޮންނަ ގުޅުން ރަނގަޅުކުރުރުމަށް ފުލުހުން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރާނެކަމަށެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫގައި ރައްޔިތުންނާ ފުލުހުންގެ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާކަމަށާއި މިގޮތުން ފުލުހުންގެ ހިދުމަތް ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް އެހިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާ، ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެފަދަ ގޮތަށްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ހިނދު، އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
ފުލުހުންގެ ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަކަށް ތަރައްގީކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށާއި އެގޮތުން މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ގާއިމްކުރާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފުލުހުންނަށް ބޭނުންވާ ޒަމާނީ އިލްމާއި ތަމްރީނު ފޯރުކޮށްދެވި ދުނިޔޭގައި ކުރިއަރާފައިވާ ޕޮލިސް ފޯސްތަކުގައި ހަރަކާތްތެރިވާފަދަ ޕްރޮފެޝަނަލް ފުލުހުންތަކެއް ރަށްރަށުގައި ހިދުމަތް ފޯރުކޮށްދޭން ގާއިމްކުރެވިގެންދާނެކަމަށެވެ.
ހަމައެއާއެކު ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އަމާޒުކުރެވިފައިވަނީ ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުމަށް ވިދާޅުވިއެވެ. އަދި ލޯކަލް ޕޮލިސިންގސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަގުޞަދުގައިކަމަށްވެސް ވިދާޅުވިއެވެ.