2

ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައި އެރަށުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ކެޔޮދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ  ޝާހިދުއެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންނަގައި ދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

1

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއރަޒް ދެއްކެވި ވާހަކަފުޅުގައި ފުލުހުން ރަށުގައި މިފަށަނީ ހިދުމަތެއްކަމަށާއި މިހިދުމަތް ކާމިޔާބުވެގެންދާނީ ރައްޔިތުން އެހިދުމަތް ބަލައިގަތްމިންވަރުންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހިދުމަތެއް ދިނުމަށްޓަކައި ފެށި މި ހިދުމަތް ކާމިޔާބު ވެގެންދާނީ މިކަމުގައި ބައިވެރިވާ ނިސްބަތުންކަން ފާހަގަކުރައްވައި، ފުލުހުންނާ މުޖުތަމައުއާ ގުޅިގެން މި ހިދުމަތް ދެވިގެންދާނީ ހިދުމަތް ބަލައިގަނެ ރަށުގައި މަސައްކަތްކުރާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުންކަމަށާއި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

3

ފުލުހުންނަކީ ދިމާވާ ކޮންމެދަތި ކަމެއްގައި ނުވަތަ ހާލާތެއްގައި އަމިއްލަ ނަފްސާއި ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން ތިބެ އެކަން ސާބިތުކޮށްދީފައިވާ ބައެއްކަމަށާއި ފުލުހުންނަށް އިހުތިރާމްކުރަންޖެހެނީ އެހެންވެކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު މިއޮތް ކޮވިޑްގެ ހާލަތުގައިވެސް ފުލުހުންގެ އެންމެ އިންޗިއެއްވެސް ފަހަކަށް ނުޖެހޭކަމަށާއި ފުލުހުންވެވަޑައިގެންނެވި ގުރުބާނީ އަބަދުވެސް ހަނދާންކުރަންވާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި  ފުލުހުންގެ ހިދުމަތް ފެށުމުން ރައްޔިތުން އުއްމީދުކުރާ ހިދުމަތެއް ލިބިގެން ދިއުންކަމަށް ގަބޫލުކުރައްވާކަމަށާއި މިއީ ބޮޑު ޒިންމާއެއް އަދި މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ދުވަސްތަކާއި މިއަދު ރަށްރަށުގެ ހާލަތާއި ކުށުގެ ވެރި ވަރަށް ބޮޑަށް ތަފާތުވެފައިވާކަމަށާއި އެހެންކަމުން ކޮންމެ ރަށެއްގައި ފުލުހުން ގާއިމްވެތިބެ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމަށް ކޮންމެގެން ބޭނުންވާ ކަމެއްކަމަށް ސަރުކާރުން ގަބޫލުކޮށް، އެސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

4

ކޮމިޝަނަރ އޮފް ޕޮލިސް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އަމާޒުކުރެވިފައިވަނީ ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރުމަށްކަމަށް ވިދާޅުވިއެވެ. އަދި ލޯކަލް ޕޮލިސިންގ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަގުޞަދުގައިކަމަށާއި ކެޔޮދޫގައި ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓަކީ އެއަމާޒަށް ވާސިލްވުމަށްޓަކައި ކުރިއަށް އެޅުނު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އިންގިލާބީ އެއް ބަދަލަކީ އަވަށްޓެރި ފުލުހުންގެ ހިދުމަތްކަމަށާއި މިހިދުމަތް މާލެ ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ގއ. އަތޮޅު އަދި ގދ. އަތޮޅުގައި ފެށިފައިވާކަމަށެވެ. އަދި މިއަދު ހުޅުވިގެންދިޔަ މި ޕޯސްޓްގެ ސަބަބުން ކެޔޮދޫގައިވެސް އަވަށްޓެރި ފުލުހުންގެ މަސައްކަތް ފެށުމަށް އިތުރު ހިއްވަރަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

ކެޔޮދޫގައި ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޙުސައިން ޤާސިމް އާއި ވ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ނިޔާޒް އާއި ކެޔޮދޫ ކައުންސިލްގެ ރައީސް އަޙްމަދު ޔޫސުފް އާއި ކައުންސިލްގެ މެމްބަރުންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ވ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެލެއްވިއެވެ.