
ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ދަފަރާ 2021 ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ޓްރެފިކް މައްސަލަތަކަކީ ކޮބައިކަމާއި އެފަދަ މައްސަލަތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ އަދި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެގޮތުން ބައިސްކަލު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ރޭގަނޑު ބައިސްކަލު ދުއްވާނަމަ ބައްތި ދިއްލައިގެން ބައިސްކަލު ދުއްވުމަށާއި ޑަބަލްސީޓު ކޮށްގެން ބައިސްކަލު ނުދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސްކޫލު ސަރަހައްދުގައި ހިނގާ ޓްރެފިކް މައްސަލަތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުުރުން، މަގުމަތީގެ ރިވެތި އަދަބުތަކާއި މަގުމަތީގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި ފުޓުބޯޅަ ނުކުޅުމަށާއި ގްރޫޕް ހަދާފައި އަޑުގަދަކޮށް މަގުމަތީގައި ސަކަރާތްނުޖެހުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި މަހުގެ 24 އިން 27 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ތ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ އެ ސްކޫލްގެ ގްރޭޑް 4 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.