Makaraaiy heelai

މާލޭގައި ދިރިއުޅެމުން އަންނަ ރަޝީދު (އަސްލު ނަމެއް ނޫން) ކިޔާ މީހަކަށް ރިސޯޓެއްގައި މަސައްކަތްކުރަމުންދާ އޭނާގެ އެކުވެރިޔެއްގެ ފޯނުކޯލެއް ލިބުނެވެ. އެކުވެރިޔާ ދެއްކީ މާލޭގައި ހުރި އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް މީހަކު އަތްމަތި ވަރަށް ދަތިވެގެން އުޅޭ ވާހަކައެވެ. އަދި އޭނާއަށް ކުރިމަތިވެފައިވާ ދަތި ހާލަތުގެ ސަބަބުން އޭނާގެ އެ އެކުވެރިޔާއަށް އެހީތެރިވެވޭނެ ގޮތެއް ނެތްކަމަށާއި އެކަމުގައި ރަޝީދުގެ އެހީތެރިކަމެއް ބޭނުންވާކަމަށް ބުންޏެވެ. ރަޝީދު  އެކުވެރިޔާ އެދުނުފަދައިން އެހީވާން ނިންމިއެވެ. އަދި އެކުވެރިޔާ ބުނި ބުނުމަށް އިތުބާރުކޮށް ރަޝީދުގެ އެހެން އެކުވެރިއެއްގެ އަތުން، ފަހުން ދޭގޮތަށް ފައިސާ ނަގައި ރިސޯޓުގައި މަސައްކަތްކުރާ ރަޝީދުގެ އެ އެކުވެރިޔާ ބުނި އަދަދަށް އެކުވެރިޔާ ބުނި މީހާއާ ފައިސާ ހަވާލުކުރިއެވެ.

އެކުވެރިޔަކަށް އެހީތެރިވުމުގެ ގޮތުން ރަޝީދު ހަވާލުކުރި ފައިސާ ވަރަށް އަވަހަށް އަނބުރާ ހަވާލުކުރާނެކަމުގެ ޔަގީންކަން ރިސޯޓުގައި މަސައްކަތްކުރާ އެ އެކުވެރިޔާ ރަޝީދަށް ދިނެވެ. ނަމަވެސް ހަމަސް ވެގެން ދިޔައިރުވެސް އެފައިސާ ރަޝީދަށް ލިބޭގޮތެއް ނުވިއެވެ. ރިސޯޓުގައި މަސައްކަތްކުރާ އެ އެކުވެރިޔާގެ އެއްވެސް ހަބަރެއް ފަހުން ނުވިއެވެ. ފޯނަކަށް ނުގުޅެއެވެ.

އެންމެ ފަހުން ރަޝީދު ފައިސާ ނެގި މީހާ ރަޝީދުގެ ކައިރިން އޭނާ އަތުން ނެގި ފައިސާ އަނބުރާ ދިނުމަށް އެދެން ފެށުމުން ރަޝީދު ގޮތްހުސްވިއެވެ. ހުދު ރަޝީދަކީވެސް އަނބިމީހާއާއި ދަރިން ގޮވައިގެން މާލޭގައި ބޮޑު އަގުގައި ކުއްޔަށް ތަނެއް ހިފައިގެން އުޅެމުންދާ މީހަކަށްވުމުން އެފައިސާ ދެވޭނެ އިތުރު ގޮތެއް ނެތުމުންނެވެ. ލިބޭ އާމްދަނީން އުޅޭތަނުގެ ކުއްޔާއި ދިރިއުޅުމުގެ އެހެނިހެން ހަރަަދުތައް ހަމަޖެއްސުމަށްފަހު އިތުރުކަމެއް ކުރާނެ ފައިސާ އަތުގައި ނުހުންނާތީއެވެ. މިކަމާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅެންވެސް ނެތުމުންނެވެ. ސަބަބަކީ ފުލުހުންނަށް މައްސަލަ ހުށަހެޅި ނަމަވެސް އެއްވެސް ލިޔެކިއުމެއް ނެތި އަނގަބަހުން ކުރި މުއާމަލާތަކަށްވުމުން ފުލުހުންގެ ތަހުގީގުގެ ތެރެއިން އެކަންކަން ސާބިތު ކުރަން ދެއްކޭނެ އިތުރު އެއްވެސް ވާހަކައެއް ނެތުމުންނެވެ.

މި ހިއްސާކޮށްލީ މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގާދިޔަ ހަގީގީ ހާދިސާއެކެވެ. މިފަދަ އެތައް މައްސަލައެއް އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް ދިމާވެފައި އެބަހުއްޓެވެ. އަދި އެކަމުގެ ގެއްލުމުން އަރައި ނުގަނެވިގެން އުޅޭ ފަރާތްތައްވެސް އެބައުޅެއެވެ. އަޅުގަނޑު ހިއްސާކޮށްލި މިހާދިސާ ނޫނަސް ތަފާތު އެކި ގޮތްގޮތުން އެކި ނަންނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާ މައްސަލަތައް މި މުޖުތަމައުގައި އަންނަނީ ހިނގަމުންނެވެ.

އެގޮތުން ތަންތަން ކުއްޔަށް ދޭނެކަމަށްބުނެ އެޑްވާންސްގެ ގޮތުގައި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމާއި ޑެލިވަރީ ކޮށްދޭނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ތަކެތި ޑެލިވަރީ ކޮށްނުދިނުމާއި ރާސްޓަސް އަދި ރީލޯޑް ކުރުމާއި އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވުމާއި ރާއްޖެއިން ބޭރުން މުދާ އެތެރެކޮށްދޭނެކަމަށްބުނެ ފައިސާ ހޯދައި މުދާ އެތެރެކޮށް ނުދޭ މައްސަލަތަކުގެ އިތުރުން އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ފައިސާ ހޯދުމުގެ މައްސަލަތައް ހިމެނެއެވެ. މީގެއިތުރުން ނުދަންނަ ނަންބަރުތަކުން ގުޅައި އެއީ އާއިލާ މީހެއް ކަމަށް ބުނެ ރަހުމަތްތެރި ރާގަކަށް ވާހަކަދައްކައި ފައިސާއަށް ޑިމާންޑުކުރާ މައްސަލަތައްވެސް ފަހަކަށް އައިސް ހިނގާފައި އެބަހުއްޓެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލެއާއި އަތޮޅުތަކުގައިވެސް މަކަރާއި ހީލަތުގެ މައްސަލަތައް ހުށަހެޅިފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން އަތޮޅުތެރެއިން މަކަރާ ހީލަތުގެ 127 މައްސަލައެއް މިދިޔަ އަހަރު ފުލުހުންނަށް ހުށަހެފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 101 މައްސަލައެވެ. މާލެ ސަރަހައްދަށް ބަލާއިރު މިބާވަތުގެ 482 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 397 މައްސަލައެވެ.

މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުގެ 18 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، މި މައްސަލަތަކުގެ ތެރޭގައި ގިނައީ އޮޅުވާލައިގެން މަކަރާއި ހީލަތުން ތަކެތި ސަޕްލައިކޮށްފައިވާ މައްސަލަތައްކަމަށް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ. މަކަރާއި ހީލަތުގެ މިފަދަ މައްސަލަތަކަކީ އަޅުގަނޑުމެން އެކަންކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީ ހޭލުންތެރިވެ މަސައްކަތްކޮށްފިނަމަ ހުއްޓުވިދާނެ ފަދަ މައްސަލަތަކެކެވެ.

މިގޮތުން އެއްވެސް ކުންފުންޏެއްގެ ނަމުގައި ޕްރޮމޯޝަނެއް ހިންގާކަމަށް ބުނެ ފޯނުކޯލެއް އަތުވެއްޖެނަމަ އެންމެ ކުޑަމިނުން އެ ފޯންކޯލު އައި ނަންބަރުގެ ސައްހަކަން ދެނެގަތުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ޝައްކުވާފަދަ އެއްވެސް ކޯލެއް އަތުވެއްޖެނަމަ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީވެސް  މުހިންމުކަމެކެވެ. ހަމައެހެންމެ ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި ވަކި ޢަދަދަކުން ރީލޯޑްކޮށް ނުވަތަ ރާސްޓަސް ކޮށްދިނުމަށް ނުވަތަ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް އެއްވެސް ކުންފުންޏަކުން ނޭދޭނެކަން ހަނދާނުގައި ބެހެއްޓުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ވަކިން ހާއްސަކޮށް ފައިސާގެ މުއާމަލާތެއް ކުރާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްހަ މައުލޫމާތު ހޯދައި ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތް ނުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި މިފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓު ނަންބަރުތޯ ޔަގީންކުރުމަކީވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

ހަމައެއާއެކު ވިޔަފާރިތަކުންވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު ފައިސާ ޓްރާންސްފަރ ކުރުމަށް ބުނެފައިވާ އެކައުންޓަށް ޖަމާކޮށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. އަދި ފައިސާ ޖަމާވިކަން ޔަގީންކުރުމަަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.