Fuvahmulah

ސްކޫލްތަކުގެ ދަރިވަރުން ކުށުން ދުރުހެލިކުރުވައި ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މިހިނގާ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު އެ ސްކޫލްގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތަކާއި އެ އަނިޔާތަކުން ރައްކާތެރިވުމާ އަދި ކުށުގެ ވެށިން ދަރިވަރުން ދުރުހެލިކުރުވުމަށް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫތު ދީފައިވެއެވެ.

އެގޮތުން ސްކޫލު މާހައުލާއި އެހެނިހެން ގޮތްގޮތުން މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން ދަރިވަރުންނަށް ލިބޭ ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާއަކީ ކޮބައިކަން ބުނެދީފައިވެއެވެ. އަދި އެފަދަ އަނިޔާއެއް ލިބެމުންދާނަމަ އެކަން ސިއްރުނުކޮށް އިތުބާރު ކުރެވޭ މީހަކާ ހިއްސާކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނޭދެވޭ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ސައިބަރ ބުލީންއަކީ ކޮބައިކަމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ބެލެނިވެރިންނާ ގުޅިގެން ހައްލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި ސައިބަރ ބުލީގެ ޝިކާރައަކަށްވެއްޖެނަމަ އެކަމުން ސަލާމަތްވުމަށް އެހެން މީހުންގެ އެހީތެރިކަން ހޯދާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި ސޯޝަލް މީޑިއާގެ ހުރި ފައިދާތަކާއި ގެއްލުންތައް ދަރިވަރުންނަށް ބުނެދީފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، އާންމު ތަންތަނުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައާއި ބައިސްކަލު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ދެ ކުދިން އަރައިގެން ބައިސްކަލު ނުދުއްވުމަށާއި ރޭގަނޑު ބައިސްކަލު ދުއްވާނަމަ ބައްތި ދިއްލައިގެން ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ޖުމްލަ 90 ދަރިވަރުން ބައިވެރިވިއެވެ.