
އއ.އަތޮޅުގެ ފަސް ރަށަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ ތަމްރީނު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
މި ޕްރޮގްރާމް ފަށާފައިވަނީ މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ރަސްދޫގައެވެ.
އއ.އަތޮޅުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ރަސްދޫގެ އިތުރުން އުކުޅަހާއި ތޮއްޑޫ އާއި މަތިވެރި އަދި ހިމަންދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ރަށެއްގައި 10 ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ.
ވޮލީބޯޅަ ތަމްރީނު ޕްރޮގްރާމަކީ ފުލުހުންނާއި ޒުވާނުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށާއި ކުޅިވަރުގެ ތެރެއިން ފުލުހުންގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުވައި ޒުވާނުންގެ އެހީތެރިކަން ފުލުހުންނަށް ލިބޭ މިންވަރު އިތުރުކުރުމުގެ ގޮތުން ފުލުހުންނާއި ކައުންސިލްތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ވޮލީ ކުޅުމަށް ޝައުގުވެރިވާ ދެ ޖިންސުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނީ ހދ.އަތޮޅުގައި މަސައްކަތް ކުރަމުން އަންނަ ޕޮލިސް ކޯޕްރަލް ޞާދިޤު މޫސާއެވެ.