Buruni shop visit

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ބުރުނި ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ޑެސްކުން ކުރިއަށް ގެންގޮސްފިއެވެ.

މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ‘ފަހި އަމާން ބުރުނި 2021’ ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެ ރަށުގެ ފިހާރަތަކާއި ހޮޓާ އަދި ކެފޭ ތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ވިޔަފާރިކުރާ ތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ، އަދި ވައްކަންކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ކުރެވެންހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތާއި ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އިރުޝާދު ދީފައިވެއެވެ

އޭގެ އިތުރުން، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް އަދި އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ކުރާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާދެއްކި ކަމަށް ސައްހަ ނޫން ސްލިޕް ފޮނުވާ މައްސަލަތަކުން ރައްކާތެރިވުމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ވިޔަފާރި ބަންދުކޮށްފައި ދާއިރު ތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ވިޔަފާރި ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމާއި ތަނުގައި އަލިކަން ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ.