police-32

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެނެސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މި ދެ މީހުން ނަކީވެސް ދެ ދިވެހިންނެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖެނުވަރީ މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ނައިފަރު ބަނދަރު ސަރަހައްދުންނެވެ.

މާލެއިން ފުރައިގެން ނައިފަރަށް އައި ދޯންޏަކުން އެރަށް ބޭލި ފޮށިގަނޑެއް ހިފައިގެން ދަނިކޮށް އެދެމީހުން ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގު ކުރަމުންނެވެ.