
ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޕްރޮގްރާމެއް ށ. ފުނަދޫގައި ފަށައިގެން ކުރިއަށް އެބަދެއެވެ.
މި ޖެނުއަރީ މަހުގެ 9 ން 14 އަށް ކުރިއަަށް ގެންދާ މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި ޔުނިސެފް އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށްގެން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަންތަކުގައި ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖީނާއި އިޖުރާތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ވެށީގައި ސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ށ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުން އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެއެވެ.
ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ބެލެނިވެރިންނަށާއި ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓް އަދި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓްގެ ކަމާއި ގުޅުންހުރި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ.