މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަން ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދުވުން ފައްޓަވާ ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރާއި އެކުންފުނީގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ދެއްކެވި ވާހަކަފުޅުގައި މަގުމަތީގައި ނުރައްކާތެރި ހާދިސާތައް މަދުކުރެވިގެންދާނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެންކަން ފާހަގަކުރައްވައި، މިފަދަ ހަރަކާތްތައް އިތުރުކުރުމަކީ މުހިންމުކަމެްކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ވެގެންދާކަމަށާއި ވީހާވެސް ގިނަ ބަޔަކު މިހަރާތުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ފެށި މުހިންމު މަސައްކަތަށް އެލައިޑްގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް، އެލަައިޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިމަސައްކަތުގެ ސަބަބުން މަގުމަތީގެ ނުރައްކާތެރިކަން ގިނަ ބަޔަކަށް ވިސްނައިދެވި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޓްރެފިކް ޕޮލިސް މެނޭޖްމަންޓް ޑިޕާޓްމަންޓުން ބޭނުންކުރާނެ ހޭޝްޓެގާއި ރައްކާ ރޯޑް ޝޯވގައި ހިމެނޭ ބިލްބޯޑުތައް އިފްތިތާހުކޮށްފައެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވަނީ ހޭޝްޓެގަކީ"އަމަލުން ދައްކާނަން" އެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ހިމެނޭ ބިލްބޯޑުވަނީ ދެ ސަރަޙައްދެއްގައި ބަހައްޓާފައެވެ. އެގޮތުން ދަރުބާރުގެ ކައިރީގެ އިތުރުން ހުޅުމާލެއިން ހައިވޭއަށް އަރާ ސަރަހައްދުގައި ވަނީ ބިލްބޯޑެއް ބަހައްޓާފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ސޭފްޓީ ރަން” ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖެނުއަރީ 16 ވަނަ ދުވަހުގެ 18:00 އާހަމައަށެވެ. މި ދުވުން ކުރިއަށްދަނީ2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.
މި ދުވުމުގައި 850 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ދުވުން ފެށުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ރަސްމިއްޔާތުގައި ބައިވެރިވެލެއްވި ފަރާތްތަކުންވަނީ ދުވުން ރަސްމީކޮށް ފެށުމުގެ ގޮތުން ދުވެފައެވެ. އަދި ދުވުމުގައި ބައިވެރިވި ފަރާތްތަކަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ.