IMG_1653

ނ. ލަންދޫގައި ދިރިއުޅެމުންދާ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ފުލުހުން އިސްނަގައިގެން ބޭއްވި " ލަންދޫ ޕޮލިސް ފުޓްސަލް ޗެލެންޖް 2020"  ގެ ޗެމްޕިއަންކަން " ރެސްޕެކްޓް" ޓީމުން ހޯދައިފިއެވެ.

ރެސްޕެކްޓް ޓީމުން މިމުބުރާތުގެ ޗެމްޕިއަންކަން ހޯދީ ޖެނުއަރީ 3 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ޓީމް ފެއަރނަސް އާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ލަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެސްޕެކްޓް ޓީމުގެ މުހައްމަދު އުލްވާންއެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ނ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުﷲ އެވެ. ފައިނަލް މެޗު ނިމުމުން އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންދޫގައި ހުރި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

IMG_1651

މި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެސްޕެކްޓް ޓީމުގެ މުހައްމަދު އުލްވާން އާއި މުހައްމަދު މައިޝަން އާއި އަޙްމަދު މިފްރާޙް މުޙައްމަދު އައި ފެއަރނަސް ޓީމުގެ މުޙައްމަދު ވިޝާމު އާއި އައިހަމް އިބްރާހިމްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެސްޕެކްޓް ޓީމުގެ އަޙްމަދު މިފްރާޙު މުޙައްމަދުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ރެސްޕެކްޓް ޓީމުގެ ޢަބްދުﷲ ޝިޒާން ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރެސްޕެކްޓް ޓީމުގެ ކޯޗު އިބްރާހިމް ރައްޒާނުއެވެ.

IMG_1642

ލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ލަންދޫ ކައުންސިލް އަދި ލަންދޫގައި ހުރި މުއައްސަސާތައް ގުޅިގެން ބޭއްވި މި ފުޓްސަލް މުބާރާތަކީ 18 އަހަރުން ދަށުގެ ކުދިންނަށް ޕްރޮފެޝަނަލް ފުޓްސަލް ދަސްކޮށްދިނުމާއި، މުބާރާތުގެ ތެރެއިން ރިވެތި އަހުލާގު ދަސްކޮށްދީ،  މުބާރާތުގެ ތެރެއިން ޤާނޫނާއި ޤަވާއިދު ތަކަށް އަޙުލުވެރިކުރުމުގެ ގޮތުންނާއި ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު ކަމެއް ނެތި އެއުމުރުގެ ކުދިން ރަށުތެރޭގައި އުޅުމުގެ ފުރުސަތު ކުޑަކޮށް، ފުޓްސަލް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ބޭއްވި މުބާރާތެކެވެ.

IMG_1619

2020 ޑިސެންބަރު 25 ވަނަ ދުވަހުން ފެށިގެން 2021 ޖެނުއަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގެ ތެރެއިން ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިންނަށް ގާނޫނުތަކާއި ގަވާއިދުތަކާއި އާންމުކޮށް އެއުމުރު ފުރައިގެ ކުދިންގެ ފަރާތުން ފެންނަ ކަންކަމަށް އަލިއަޅުވާލައި މައުލޫމާތުދީ ނަސޭހަތްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.