
ގއ. ވިލިނގިއްޔާއި ގެމަނަފުށި އަދި ގދ. ތިނަދޫ އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ތިން ރަށުގެ ތެރެއިން ގއ. ވިލިނގިލީގައި މި ހިދުމަތް ފައްޓަވައިދެއްވީ ” އަޕަރ ސައުތު ޕޮލިސް ޑިވިޜަން” ގައި އަވަށްޓެރި ހިދުމަތް ފެށުމުގެ ގޮތުން ޑިސެމްބަރު 28 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ގއ. ގެމަނަފުށި އަދި ގދ. ތިނަދޫގައި މި ހިދުމަތް ފައްޓަވާ ދެއްވީ ޑިސެމްބަރު 29 ވަނަ ދުވަހު އެދެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަވަށްޓެރި ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ބައެއް ސީނިއަރ އޮފިސަރުންނާއި އެރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގ ގެތެރޭގައި ހިމެނޭ ކަމެކެވެ. މި ހިދުމަތުގެ ތެރެއިން ފުލުހުންނާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުލުހުންނާއި މެދު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި ޔަޤީންކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ގާއިމްކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.