
މ. މުލަކު ޕޮލިސް ސްޓޭޝަނާއި ލ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މ. މުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މުލަކު ގެއެއް ބަލައިފާސްކޮށް އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ހޯދާފައިވެއެވެ.
މީގެ އިތުރުން ލ.ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އައު އަހަރާ ދިމާކޮށް ހިންގާ އޮޕަރޭޝަނުގައި މިމަހުގެ 29 ވަނަ ދުވަހު ލ.ގަމުގެ ވަލުތެރެ ބަލައިފާސްކުރިއިރު ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދާފައިވެއެވެ. މީގެތެރޭގައި ބަނގުރާ ކެއްކުމަށް ބޭނުންކޮށްފައިވާ ދެ އުނދުނާއި ތެއްޔަކާއި ހަންތަކެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ސާމާނު ހޯދާފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.