police-32

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ.ވިލުފުއްޓާއި، ރ.މަޑުއްވަރީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ އޮޕަރޭޝަންގެ ތެރެއިން ރ.މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ މަޑުއްވަރީގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުންގެ އިންޓެލިޖެންސާ މަޑުއްވަރީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. ރޭ ދަންވަރު މަޑުއްވަރީ ބަަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބޮގަރުކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ ފުޅިއެއް ފެނިފައިވެއެވެ.

ތ.ވިލުފުށީގައި ހިންގި އޮޕަރޭޝަނަކީ ވިލުފުށިން އެ އަތޮޅު ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލުފުށީގައި މަސައްކަތްކުރާ ފުލުހުންނާ، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

ވިލުފުށި ބަނދަރުމަތިން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލުފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި ވިލުފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.