ވަގުންނަށް ފުރުސަަތުނުދީ ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވޭ

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނާފިޢު
Vakkan

ވައްކަމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ. ވައްކަމުގެ މައްސަލަތައް ހިނގިޔަ ނުދިނުމަށް ނުވަތަ ވަގުންނަށް ފުރުސަތު ނުދިނުމަށް ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ތިމާ ގެންގުޅޭ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވިދާނެއެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، މުދަލަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ހިނގާފައިވާ ވައްކަމުގެ މައްސަލަތައް ހިމެނެއެވެ. އެގޮތުން ތަޅުދަނޑި ޖަހާފައި ހުއްޓައި ސައިކަލު ވަގަށް ނެގުމާއި، ސައިކަލު ޕޮކެޓުގައި ފޯނު ފަދަ ތަކެތި ބަހައްޓާފައި ސައިކަލު ޕާކުކޮށްފައި ދިއުމުން ވަގަށްނެގުމާއި، ސައިކަލު މަޑިދަށުގައި ތަކެތި ބެހެއްޓުމުން ވަގަށް ނަގާފައިވާ މައްސަލަތަކުގެ އިތުރުން ގެދޮރު ތަޅުނުލާ ހުއްޓައިވަދެ ވައްކަންކޮށްފައިވާ މައްސަލަތައްވެސް ހިމެނެއެވެ.

ހެދޭ ކުޑަކުޑަ އެންމެ ގޯހަކުންވެސް، ވައްކަންްކުރާ މީހުންނަށް ފުރުސަތު ލިބިދާނެއެވެ. ތިމާގެ އަގުބޮޑު އެއްޗެއް ގެއްލިދާނެއެވެ. މިއީ މިފަދަ ހާދިސާއެކެވެ. ”މޫދަށް އެރެންދިޔަ ބައެކެވެ. އެންމެންގެ ފޯނުތަކާއި ވޮލެޓުތައްވެސްލީ އެތަނުން އެކަކު ގެންގުޅުނު ދަބަހަށެވެ. އަދި ދަބަސް ބޭއްވުމަށްފަހު އެންމެންވެސް މޫދަށް އެރުނެވެ. ވަގުތަކީ އެ ސަރަހައްދުގައި މީހުންވެސް ގިނަ ވަގުތެކެވެ. ދުވާލުގެ ވަގުތެވެ. ބައިގަޑިއެއްހާއިރު މޫދުގައި ހޭދަކުރުމަށްފަހު އައިސް ބެލިއިރު ދަބަސް އޮތެވެ. އެހެން ނަމަވެސް ދަބަހުގައި، އެންމެ ފޯނެއްވެސް އަދި އެންމެ ވޮލެޓެއްވެސް ނެތެވެ. ކޮންމެ މީހަކުވެސް ގެންގުޅުނީ އެންމެ ފަހުގެ ސްމާޓް ފޯނެވެ. ވޮލެޓުގައި ފައިސާގެ އިތުރުން ކޭޝް ކާޑުތަކާއި އެހެނިހެން ކާޑުތައްވެސް ހުއްޓެވެ. ދަބަހުން އެތަކެތި ނެގިތަން ފެނުނު އެއްވެސް މީހަކު ހުރިތޯ އެވަގުތު އެތާގައިތިބި އެންމެންގާތު އެހިއެވެ. އެހެންނަމަވެސް އެ މަންޒަރު ފެނުނު އެއްވެސް މީހަކާ ދިމައެއް ނުވިއެވެ.” މިއީ ކުޑަކުޑަ މިސާލެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019  ވަނަ އަހަރު  ވައްކަމުގެ 4552 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި ފާއިތުވި އަހަރު 3581 މައްސަލައެއް ހުށަހަޅާފައިވާއިރު މިއަހަރުގެ މިހާތަނަށް ވައްކަމުގެ 178 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވިޔަ ނުދިނުމާއި މިފަދަ މައްސަލަތައް މަދުކުރުމަށް މާލެއާއި އަތޮޅުތަކުގައި ފުލުހުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަދަ މައްސަލަތައް މަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ.

ވައްކަމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނޫނީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ފުރަތަމަ ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ގެންގުޅޭ އަގުބޮޑު ފޯނާއި ލެޕްޓޮޕް، ވޮލެޓް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ގެންގުޅޭ ފަރާތުގެ ޒިންމާއެކެވެ. ބޭރުތެރޭގައި އުޅޭއިރު މިފަދަ އަގުބޮޑެތި ތަކެތި އެހެން މީހުންނަށް ފެންނާނެހެން ހާމަކޮށްފައި ނުބެހެއްޓުން ބުއްދިވެރިއެވެ. އަދި ގޭގައި ހުންނަ އަގުބޮޑެތި ތަކެތިވެސް ހާމަކަންބޮޑު ގޮތެއްގައި ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ހަނދާންނެތިގެންވެސް ގޭ ދޮރު ތަޅުނުލާ ބެހެއްޓިދާނެއެވެ. ގެއިން ބޭރަށް ކުޑަ ވަގުތުކޮޅަކަށް ދިޔަ ނަމަވެސް ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރަންވާނެއެވެ. ބޭރުގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ އެހެން ތަނެއްގައިވިޔަސް ތަޅުދަނިޑި ނުބާއްވާށެވެ. މޫދަށް އެރޭއިރުވެސް ވައްކަން ކުރާ މީހުންގެ އަތުޖެހޭގޮތަށް ދަބަސް، ފޯނު އަދި ވޮލެޓުވިޔަސް ނުބާއްވާށެވެ. ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރާށެވެ. ސައިކަލު ޕޮކެޓުގައި  ނުވަތަ މަޑިދަށުގައިވެސް އަގުބޮޑެތި ތަކެތި ނުބަހައްޓާށެވެ.

މީހަކު ނުވަތަ ބަޔަކު ވައްކަމުގެ އަމަލެއް ހިންގާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަވެސް  3322111، 3322112 ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި މައުލޫމާތު ހިއްސާކުރާށެވެ. އަތޮޅުތެރޭގައި ނަމަ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަށް އެ މައުލޫމާތު ހިއްސާކުރާށެވެ.