ތަންތަން ކުއްޔަށް ދޭނެކަމަށްބުނެވެސް އޮޅުވާލާ، ސަމާލުވޭ!

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނާފިޢު
report pic

އަމިއްލަ ގެދޮރުނެތުމުގެ ސަބަބުން ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހުން މިއަދު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އުޅޭކަމީ ހަގީގަތެކެވެ. ހާއްސަކޮށް މާލޭގައެވެ. ނަމަވެސް ހިތާމަޔަކީ ދިރިއުޅޭނެ ތަނެއް ނެތިގެން މާލޭގެ ބައެއް ގޭގެއަށް އެޕާޓްމަންޓެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ހިފަން ދިއުމުން އަންނަ މަހު ހުސްވާ އެޕާޓްމަންޓެއް ނުވަތަ ކޮޓަރިއެއް ހުރި ކަމަށްބުނެ އޮޅުވާލައިގެން ބޮޑު އަގުގައި އެޑްވާންސްކޮށް އެއްމަސް ނުވަތަ ދެ މަހުގެ ކުލި ނަގަމުންދާ މައްސަލަވެސް ހިނގަމުންދާކަމެވެ. މިގޮތުން މި ހިއްސާ ކޮށްލަނީ އެފަދަ ހާދިސާއެއް ދިމާވެފައިވާ މީހެއްގެ ވާހަކައެެވެ.

ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދަދިނުމުގެ މަގުސަދުގައި މުޖާހިދު (އަސްލުނަމެއް ނޫން) އާއިލާ މާލެ ގެނެސް މާލެއިން އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުންދެއެވެ. ނަމަވެސް ބުރަ މަސައްކަތުން ލިބޭ އާމްދަނީން ތަނުގެ ކުއްޔަށާއި އެހެނިހެން ހަރަދުތައްކޮށް ފަހަށް ރައްކާކުރާނެ ފައިސާއެއް މުޖާހިދު އަތަކު ނުހުރެއެވެ. ގޭގައި މުޖާހިދުގެ ދެމަފިރިންނާއި ދެކުދިންގެ އިތުރުން ދޮންތައާއި ދޮންތަގެ ދެ ކުދިންނާ އަދި ރައްޓެއްސެއްގެ ދެކުދިން ދިރިއުޅެއެވެ. ނަމަވެސް އެ އެޕާޓްމަންޓަކީ ދެ ކޮޓަރީގެ އާދައިގެ އެޕާޓްމަންޓަކަށްވެފައި އެހާ ގިނަ ބަޔަކު ދިރިއުޅެން ޖެހުމުން ދަތިތަކާއި ކުރިމަތިވިއެވެ. އެހެންކަމުން މުޖާހިދުގެ ދޮށީ އަންހެން ދަރިފުޅާއި ދޮންތައާއި އޭނާގެ ދޮށީ ފިރިހެން ދަރިފުޅުވެސް މާލެއިން ވަޒީފާއެއް ހޯދައިގެން ވަޒީފާއަށް ދާން ފަށައިފިއެވެ. މުޖާހިދުގެ ބޭނުމަކީ އާއިލާ ތަނަވަސްކަމާއެކު އުޅޭވެނެ ވަރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހޯދުމެވެ. އަދި މިހާރު ދިރިއުޅޭ ތަނަކީ ތަންކޮޅެއް ކުޑަ ތަނަކަށްވެފައި މި އެޕާޓްމަންޓްގައި ދިރިއުޅެން ދީފައިވާ މުއްދަތުވެސް ހަމަވުމާއެކުގައެވެ.

އެހެންކަމުން ކުއްޔަށް ދޭ ތަނެއް ލިބޭތޯ މުޖާހިދު މަސައްކަތް ފެށިއެވެ. އަދި ރައްޓެހިންނަށް ގުޅައިގެންވެސް ކުއްޔަށްްދޭ އެޕާޓްމަންޓެއް ލިބޭތޯ ބެލިއެވެ. މިގޮތުން އެއްދުވަހަކު ރައްޓެއްސަކު މެދުވެރިވެގެން އެޕާޓްމަންޓް ކުއްޔަށްދޭ މީހެއްގެ ނަންބަރު ހޯދިއެވެ. އެމީހާއާ ގުޅައިގެން އެމީހާ ބުނި ގެއަށް ދިޔައެވެ. އެމީހާއާ ބައްދަލުވުމުން، ތިން ކޮޓަރީގެ ރީތި އެޕާޓްމަންޓެއް ދައްކައި، ތަނުގެ އެޑްވާންސަކީ -/50،000ރ (ފަންސާސް ހާސް ރުފިޔާ) ކަމުގައި ބުންޏެވެ. އަދި އެ އެޕާޓްމަންޓް މަރާމާތުކުރުމުގެ ހުރިހާ ކަމެއް ނިމޭނީ އަންނަ މަހު ކަމުގައިވެސް ބުންޏެވެ. އެހެންކަމުން މުޖާހިދު އެނބުރި ގެއަށްގޮސް ގޭގައި ދިރިއުޅޭ އެންމެންގެ މަތިން އެޑްވާންސަށްވާ ފައިސާ ހޯދައި ހަމަ ނުވުމުން ބެންކުން ލުއި ލޯނެއް ނަގައި އެ ފައިސާ ހަމަކޮށްގެން އެމީހާއަށް ގުޅިއެވެ. އަދި އެމީހާ ބުނިތަނަށްގޮސް އެ ފައިސާ ހަވާލުކުރިއެވެ.

އޭގެ އެއްމަސް ފަހެވެ. ކުއްޔަށްހިފި އެޕާޓްމަންޓަށް ބަދަލުވުމަށް މުޖާހިދުގެ އާއިލާ ފޮށިތަންމަތި ބަންދުކުރަން ފެށިއެވެ. އަދި އެެޕާޓްމަންޓް ކުއްޔަށްދިން މީހާއަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މިގޮތަށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދީ ފަހުން އެމީހާ ފޯނު ނިއްވާލީއެވެ. އެކަމާ މުޖާހިދު ވަރަށް ކަންބޮޑުވިއެވެ. އެހެންކަމުން އެމީހާ ކުއްޔަށްދޭންބުނި އެޕާޓްމަންޓް ބެލުމަށް މުޖާހިދުގެ ދެމަފިރިން އެ އެޕާޓްމަންޓަށް ދިޔައެވެ. ދިޔައިރު ސިޑި ކައިރީ ފައިވާންތަކެއް ހުރުމުން އެ އެޕާޓްމަންޓްގައި ބަޔަކު އުޅޭކަން އެނގުނެވެ. އެހެނކަމުން ދޮރުގައި ޓަކި ޖަހާލިއެވެ. މިގޮތަށް ދެތިން ފަހަރަކު ޓަކި ޖަހާލުމުން މެދު އުމުރުގެ އަންހެނަކު ދޮރު ހުޅުވިއެވެ. ވާހިދު (އަސްލުނަމެއް ނޫން) ކިޔާ މީހަކު އުޅޭތޯ މުޖާހިދު އެ އަންހެން މީހާ ގާތު އެހިއެވެ. ވާހިދުގެ ރަށާއި އެޑްރެހާ ބުނުމުންވެސް އެއީ ކާކުކަމެއް އެ އަންހެން މީހާއަކަށް ނޭނގުނެވެ. އެހެންކަމުން މުޖާހިދު އެ އެޕާޓްމަންޓު ކުއްޔަށްހިފައި އެޑްވާންވެސް ދައްކާފައިވާ ކަމުގައި އެ އަންހެންމީހާ ގާތު މުޖާހިދު ބުންޏެވެ. އެ ގެ އަކީ އެ އަންހެންމީހާގެ މަންމަގެ ގެ ކަމާ އަދި އެ އެޕާޓްމަންޓަކީ ގެ ބަހާފައި އޭނައަށް ލިބުނު ބައިގައި ހަދާފައިހުރި އެޕާޓްމަންޓެއް ކަމުގައި އެ އަންހެންމީހާ ބުންޏެވެ. އަދި އެ ތަނަށް އެމީހުން ބަދަލުވީ ހަދާ ނިމުމުން މިދިޔަ މަހު ކަމުގައިވެސް ބުންޏެވެ.

މިއީ ހަމަ އެންމެ މީހެއްގެ ވާހަކައެވެ. ދިރިއުޅުމަށްޓަަކައި މުޖާހިދުގެ އާއިލާއިން ކުރި ފޮނި އުންމީދުތައް ވެއްޔާ މޮޑެވިއްޖެއެވެ. މަކަރުވެރިއެއްގެ ސަބަބުންނެވެ.  މިގޮތުން މުޖާހިދުއަށް ދިމާވި މި ހާދިސާއަށް ފުންކޮށް ވިސްނާލާއިރު، ކުއްޔަށް ދޭ ފަރާތުން ޖެހިގެން އަންނަ މަހު ތަން ހުސްވުމުން އެތަން ކުއްޔަށްދޭނެކަމަށާއި ނަމަވެސް ކުއްޔަށް ހިފާ ފަރާތަށް ކުއްޔަށް ދެވޭނީ އެޑްވާންސްކޮށް އެއް މަސް ނުވަތަ ދެ މަހުގެ ކުއްޔަށްވާ ފައިސާ ދިނުމުން ކަމަށް ބުނެއެވެ. އަދި ކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ދޭ ފަރާތަށް ތަނުގެ އެޑްވާންސަށްވާ ފައިސާ ދިނުމަށްފަހު ކުއްޔަށްދޭނެކަމަށްބުނި މުއްދަތު ހަމަ ވުމުން ކުއްޔަށް ދޭ ފަރާތް ނުވަތަ ގޭގެ ވެރިފަރާތާއި ގުޅުމުން ފޯނު ނުނަގައި ފިލައިގެން އުޅުމާއި، ކުއްޔަށް ދޭނެކަމަށްބުނާ ތަނަށް ނުވަތަ އެޕާޓްމަންޓަށް ދިއުމުން އެތަނުގައި އެހެން ބަޔަކު ދިރިއުޅެމުންދާއިރު، އެ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ބުނަމުންދާ ވާހަކަތަކާއި ތަނުގެ ވެރިފަރާތްކަމަށް ބުނާ ފަރާތާ އެއްވެސް  ގުޅުމެއް ނުވާކަން މުޖާހިދުގެ ވާހަކައިންވެސް ހާމަވެއެވެ.

ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު، ގިނަ މައްސަލަތަކުގައި މުއާމަލާތް ކުރާ ފަރަތަކީ އެތަނުގެ ވެރިފަރާތްތޯ ނުވަތަ ގުޅުންހުރި ފަރާތްތޯ ޔަގީން ނުވުމާއި ތަން ކުއްޔަށް ދޭން ވާހަކަ ދައްކާ ފަރާތްތުގެ ވަނަވަރު އޮޅުވާލުމާއި އެޑްވާންސަށް ފައިސާ ދޭއިރު ކާކުކަން ޔަގީންނުކޮށް ފައިސާ ޓްރާންފަރ ކުރުމާއި ނުވަތަ ނަގުދު ފައިސާ އެގްރީމެންޓަކާ ނުލައި ހަވާލުކުރުމަކީ ފާހަގަކުރެވިފައިވާ ކަންކަމެވެ.

މިފަދަ މައްސަލަތަކަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ، ފާރަވެރިވެ ތިބެއްޖެނަމަ ހުއްޓުވި ދާނެ ނުވަތަ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެފަދަ މައްސަލަތަކެވެ. އެހެންކަމުން ތަނެއް ކުއްޔަށްހިފާއިރު އެއީ އެތަނުގެ ވެރިފަރާތްތޯ ނުވަތަ އެތަނަކާ ގުޅުންހުރި ފަރާތްތޯ ބަލައި ޔަގީން ކުރަންވާނެއެވެ. އަދި ސައްހަ އެއްބަސްވުމެއް ހޯދައި ޔަގީންކުރަން ވާނެއެވެ. އަދި އެއްބަސްވުމުގައި އިނގިލީގެ ނިޝާން ޖަހައި ދެ ހެކިންގެ ހާޒިރުގައި ފައިސާ ހަވާލުކުރުމަކީ މަކަރުވެރިންގެ އަތްދަށުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން މަކަރުވެރިންގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރަން އެބަޖެހެއެވެ.