Hanimaadhoo police

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމާއި ކުށްތަކުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުގައި ކުށުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިއެވެ. އަދި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ވިޔަފާރި ބަންދުކޮށްފައިދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފިހާރައިގެ ބޭރުގައި ދަންވަރުގަޑީގައި މުދާ ނުބެހެއްޓުމަށާއި ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި އަލިކަމެއް ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ފިހާރަތަކުގެ ސަލާމަތީކަންކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި އެމެންޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ފުލުހުންނާ ގުޅާނެ ނަންބަރު ވިޔަފާރިވެރިންނާ ހިއްސާކޮށްފައިވެއެވެ

މި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހު ފެށި އެ ޕްރޮގްރާމުގެ ތެރެއިން އެ ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާޜަތްކޮށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.