police 25

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަހިބަދުއާއި ކުޅުދުއްފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 18 އަހަރުން ދަށުގެ ކުއްޖަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮަޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނަކު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ތިން ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް ފެނިފައިވެއެވެ

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.