FCP

ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ފުލުހުން އަހުލުވެރި ކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުން ފަށައިފިއެވެ.

މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި، މި އަހަރު އަމަލުކުރަން ފަށާފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނު (2019/19) އާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު (2019/18) އާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން އަނިޔާ ލިބޭ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ސީންތަކުގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓާއި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ތެރެއިން، ފްރަންޓްލައިގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް މައުލޫމާތު ދިނުން ކުރިއަށް ގެންދަނީ ވަރޗުއަލްކޮށެވެ.

އެ ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓް އަދި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރު ފުލުހުންނެވެ.