Capture

ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ރ. ފައިނު އަދި ކިނޮޅަހުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެ ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އެ ދެ ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައެވެ.

އެގޮތުން ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކާއި ކުށެއް ހިނގައިފިނަމަ ކުށުގެ ވެށި ރައްކާތެރިކޮށް ބޭއްވުމަށް ކުރެވިދާނެ ކަންކަމާއި މައްސަލަތައް ސިއްރުނުކޮށް ވީހާވެސް އަވަހަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން އަންގާ އެންމެހައި ކަންކަމަށް ބޯލެނބުމަށާއި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރާއި އެއްގަމު އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން ރ. އަތޮޅުގައި ފުލުހުން ބޭނުންކުރަމުންދާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، އެ ދެ ރަށުގައި އުޅޭ ބިދޭސީންނާއި ވިޔާފަރިކުރާ ތަންތަނާއި އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.