
އެއްގަމު ދަތުރުފަތުރުުގެ ގާނޫނަށް ގެނެސްފައިވާ ހަތަރު ވަނަ އިސްލާހަށް ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދީނުމުގެ ކްލާހެއް ކުރިއަށް ގެންގޮސްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މައުލޫމާތު ދިނުމުގެ އެ ކްލާސް ފައްޓަވައިދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރެވެ. ކްލާސް ފައްޓަވައިދެއްވައި ހުސައިން ސަމީރު ދެއްކެވި ވާހަކަފުޅުގައި، ގާނޫނު ތަންފީޒުކުރުމުގައި އަލަށްގެނެވޭ ބަދަލުތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ސްލިޕް ފޮތުގެ ބަދަލުގައި އެޕްލިކޭޝަން މެދުވެރިކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގައި ފާހަގަ ކުރެއްވިއެވެ.
އެ ކްލާހުގައި، އެއްގަމު ދަތުރުފަތުރުުގެ ގާނޫނާއި އެ ގާނޫނަށް ގެނެސްފައިވާ ހަތަރުވަނަ އިސްލާހާ ގުޅޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ޖުމްލަ 110 ބައިވެރިންނާއެކު އެ ކްލާސް ކުރިއަށް ގެންގޮސްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑްސޭފްޓީ ޔުނިޓްގެ ލެކްޗަރަރ އިންނެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތަރު ވަނަ އިސްލާހަށް އަމަލުކުރަން ފަށާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.