Maafushi meeting

މާފުށި ޕޮލިސް ސްޓޭޝަންގެ ފަރާތުން އެރަށު ކައުންސިލް އިދާރާއާއި، ކޮވިޑް 19 އިގެ މާފުށި ޓާސްކްފޯސް އާއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ރަށުގައި ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި ފުލުހުންނާ ގުޅިގެން ކުރެވިިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި މާފުށީގައި ދިރިއުޅޭ ރައްޔިތުންނާއި ގެސްޓުހައުސް ތަކަށް އައިސްތިބޭ ފަތުރުވެރިން މާސްކު ނާޅާ އުޅެމުންދާތީ އެކަންކަން ހައްލުކުރުމަށާއި، އިޖުތިމާއީ ގައި ދުރުކަން ބެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން މާސްކު ނާޅާ އުޅޭ ފަތުރުވެރިން ގިނަކަން ފާހަގަކޮށް އާންމުންގެ ޝަކުވާތައް ލިބިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް ގެސްޓުހައުސްތަކަށް ލިޔުމުން އެކަން އަންގައިދޭނެ ކަމުގައި ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސްކު އަޅައިގެން އުޅުމުގެ މުހިންމުކަމާ އެކަކު އަނެކަކާ ބައްދަލުވާއިރު ގައިދުރުކަން ބެހެއްޓުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދޭނެކަމުގައިވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވާ މީހުންނަށް ނަސޭހަތްދީ އެކަން ރަނގަޅު ނުކޮށްފިނަމަ ޖޫރިމަނާ ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ކައުންސިލުން އެދިފައިވެއެވެ.

އެ ބައްދަލުވުމުގައި، މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ އިސް އޮފިސަރުންނާއި ކައުންސިލް އިދާރާގެ އިސްވެރިންގެ އިތުރުން ކޯވިޑް 19 އިގެ  މާފުށި ޓާސްކްފޯސްގެ މެންބަރުން ބައިވެރިވިއެވެ.