drug

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް އަތޮޅުތެރޭގައި ހިންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ކ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ރިސޯޓުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހުރި 12 ސެލޯފިންކޮޅު ފެނިފައިވެއެވެ.

ހއ. ދިއްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި  އޮޕަރޭޝަނެކެވެ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ކެލާ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ރަށު ބަނދަރު ސަރަހައްދުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އދ. ދިއްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އދ. އަތޮޅު އޮޕަރޭޝަން ޓީމާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށަށްއައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މި މައްސަލަތައް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.