Vilufushi school

ތ. ވިލުފުށި ސްކޫލްގެ ކީ ސްޓޭޖް ތިނަކާއި ހަތަރެއް އަދި ފަހެއްގެ ފިރިހެން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވިލުފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ޕޮލިސް ސްޓޭޝަނާއާއި، ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ ތ. އަތޮޅު ރަށްރަށުގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ފުރާވަރު އުމުރުގެ ފިރިހެން ދަރިވަރުންނާއި ރަށްރަށުގައި ދިރިއުޅޭ ޒުވާނުން ކުށުގެ ވެށިން ސަލާމަތްކޮށް ރައްކާތެރިކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ‘ޒިންމާ ނެގުން’ މި މައުލޫގެ ދަށުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ކޮންމެ ދަރިވަރަކީވެސް ޒިންމާ ތަކެއް ކޮނޑުގައި އެޅިފައިވާ ދަރިވަރެއްކަމާއި އެ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ޒިންމާއާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމާއި އެކަމުން ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން ދީނީ ގޮތުންނާއި ގަނޫނީ ގޮތުން އަދި އިޖުތިމާއީ ގޮތުންވެސް ކޮންމެ ދަރިވަރެއްގެވެސް ޒިންމާތަކެއް ހުންނާނެ ކަމާއި އެ ޒިންމާތައް ފުރިހަމައަށް އަދާކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އެކަމުން ތިމާއާއި އަނެކުންނަށް ލިބިގެންދާނެ ފައިދާތަކާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ.

ދަރިވަރުންނާ ގުޅޭގޮތަށް ކުޅިވަރުތަކާއެކު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ ސްކޫލްގެ ކީ ސްޓޭޖް ތިނަކާއި ހަތަރެއް އަދި ފަހެއްގެ ހުރިހާ ފިރިހެން ދަރިވަރުން ބައިވެރިވިއެވެ.