Thaa Atoll

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ތ. އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައިފިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ، ޗިީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްތާން އަހްމަދު ބިސާރު އެ ރަށްރަށަށް ޒިޔާރަތްކުރައްވައި ރަށު ކައުންސިލުތަކާ ބައްދަލުުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ތ. އަތޮޅުގައި ފުލުހުންގެ މިހާރުގެ އެންމެ މުހިންމު އެއް މަސައްކަތަކީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިިމެނޭ ކަންކަން ހާސިލްކުރުމަށްޓައި ތ. އަތޮޅުގައި ފެށުމަށް ހަމަ ޖެހިފައިވާ ނެއިބަހުޑް ޕޮލިސިންގގެ މަސައްކަތްކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި އެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި އެ އަތޮޅުގައި ފެށިގެން ދާނެކަމުގައި ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެ އަތޮޅުގައި ކުށްގިނަ ރަށްރަށުގެ ކުށުގެ ހާލަތު ދެނެގަނެ އެފަދަ ރަށްރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމައި ޕްރޮސެކިއުޓްކުރުމަށް އެ އަތޮޅުގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ކުރަމުންގެންދާ މަސައްކަތްތަައް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ އަތޮޅަށް ހުށަހެޅޭ ބޮޑެތި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން އަންނަކަމާއި އެކަމުގެ އެންމެ ބޮޑު ހެއްކަކީ ތ. އަތޮޅު ރަށްރަށުގައި ކުށުގެ ވެށީގައި އުޅޭ ގިނަ މީހުންގެ ޝަރީއަތް އެ އަތޮޅުގެ ރަށްތަކުގެ ކޯޓުތަކުގައި ކުރިއަށް ގެންދާކަން ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ކޮމިއުނިޓީ ހަރަކާތްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާފައިވީނަމަވެސް ކޮވިޑްގެ މިހާލަތުގައި އެންމެ ބޭނުންވާ ސްޕީޑުގައި ނުގެންދެވޭކަމުގައި ފާހަގަ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، ފުލުހުންގެ ފަރާތުން ކައުންސިލްތަކަށް ލިބެމުންދާ އެއްބާރުލުން ކައުންސިލުތަކުން ފާހަގަކުރެއްވިއެވެ. އަދި ކުށްމަދު ކުރުމަށް ފުލުހުން ހިންގާ ހަރަކާތްތަކުގައި ކައުންސިލުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ރަށްރަށުގައި ފުލުހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި، ފުލުހުން ނުތިބޭ ރަށްރަށުގައި ފުލުހުން ބޭތިއްބުމަށް އެދިލެއްވިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރުގެ އެ ބައްދަލުވުންތަކަކީ ފުލުހުންނާއި ކައުންސިލުތައް ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމުގެ އިތުރުން ފުލުހުންނާއި ކައުންސިލްތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުންތަކެކެވެ.

މި ނޮވެމްބަރު މަހުގެ 24 އިން 25 އަށް އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ހިރިލަންދޫ، ވަންދުއާއި، ކަނޑޫދޫގެ އިތުރުން ގާދިއްފުށި، ދިޔަމިގިލި، ގުރައިދޫ އަދި މަޑިފުށީގައެވެ.

އެ ބައްދަލުވުންތަކުގައި ޑިވިޜަން ކޮމާންޑަރުގެ އިތުރުން ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝާކިރާއި ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި ރަށު ކައުންސިލުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.