police 20

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އއ. އަތޮޅު ދެރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ މި ނޮވެމްބަރ 23 ވަނަ ދުވަހު އއ. މަތިވެރިއާއި އުކުޅަހުގައެވެ.

އެގޮތުން އުކުޅަހުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން އއ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން އުކުޅަހަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުންގެ އިންޓެލިޖެންސާ އުކުޅަހު ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ލޯންޗުން އުކުޅަހަށް ބާލާފައިވާ ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މަތިވެރީގައި ހިންގި އޮޕަރޭޝަނަކީވެސް މާލެއިން ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މަތިވެރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުންގެ އިންޓެލިޖެންސާއި މަތިވެރީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަތިވެރި ބަނދަރަށް އެ ލޯންޗުން ބާލާފައިވާ ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި ދެމައްސަލައާ ގުޅިގެންވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

މި ދެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.