
ކޮޅުމަޑުލު ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން އެރަށު ކައުންސިލާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
ވޭމަންޑޫ ކައުންސިލް އިދާރާގައި މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ރަށުގެ ތަރައްގީއަށްޓަކައި ފުލުހުންނާއި އަންހެނުންގެ ކޮމެޓީ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އެގޮތުން ކުށްމަދު އަމާން މާހައުލެއް ރަށުގައި ގާއިމު ކުރުމަށް ކުރެވިދާނެ ކަންކަމާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގިދާނެ ޕްރޮގްރާމްތަކާ އަދި އިޖްތިމާއީ ގޮތުން ރަށުގެ ތަރައްގީއަށް ހިންގިދާނެ ހަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިއެވެ.
މީގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި ކުށުގެ ވެށިން އެކުދިން ރައްކާތެރިކުރާނެ ގޮތްތަކުގެ އިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ގުޅޭގޮތުން ފުލުހުންނާއި، ކައުންސިލާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިއެވެ.
މި ބައްދަލުވުމުގައި ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ އިތުރުން ކައުންސިލް އިދާރާގެ އިސްވެރިންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިސްވެރިން ބައިވެރިވިއެވެ.