Meedhoo Police

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމު ކުރުމާއި ރައްޔިތުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. މީދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން، އެ ރަށުގައި ވިޔަފާރިކުރާ ހުރިހާ ތާކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި ވިޔަފާރި ކުރުމަށްފަހު އޮންލައިންކޮށް ފައިސާ ދެއްކި ކަމަށްބުނެ ސައްހަ ނޫން ސްލިޕް ވައިބަރ މެދުވެރިކޮށް ފޮނުވަމުންދާ މައްސަލަތައްވެސް ހިނގަމުންދާތީ އެ ފަދަ ކަންކަމުންވެސް ސަލާމަތްވެ ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން ވައްކަމުގެ މައްސަލަތަކުން ސަލާމަތްވެތިބުމަށް، ވިޔަފާރި ބަންދުކޮށްފައި ދާއިރު ފައިސާ ނުބެހެއްޓުމާއި ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓިވީ ކެމެރާ ހަރުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ބިދޭސީންނާއި 18 އަހަރުން ދަށުގެ ކުޑަކުދިން ކޭޝިއަރުންގެ ގޮތުގައި ނުބޭތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ވައްކަމުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ރ. އަތޮޅު ޕޮލިހުން ބޭނުން ކުރާ އެޕް މެދުވެރިކޮށް، އެ ރަށުގައި ވިޔަފާރި ކުރާ ތަންތަނުގެ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތް ކޮށްފައިވެއެވެ.