UNODC 2

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫ.އެން އޯ.ޑީ.ސީ)ގެ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވާސަލާތީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ހަދިޔާކުރި އެ ތަކެތި ޔޫ.އެން އޯ.ޑީ.ސީގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްދެއްވީ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއެވެ.

UNODC

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ޔޫއެންއޯޑީސީއާއި ޖަޕާން ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުވާސަލާތީ ނިޒާމް ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ގޮސްފައިވަނީ 2004 ވަނަ އަހަރުގައި ކަން ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ ހިލޭއެހީގެ ދަށުން އޭރު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި މުވާސަލާތީ ނިޒާމް ގާއިމުކޮށްފައިވާ ކަމަށާ އަދި ޒަމާނީ ބަދަލުުތަކާއެކު މި ނިޒާމް މިހާރު ރާއްޖޭގެ 16 ސަރަހައްދަކަށް ފުޅާވެގެންގޮސްފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންގެންދަވާކަމުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ފްރަންޓްލައިން ޓެކްނޮލޮޖީއެއް ގާއިމްކުރުމާއި، ވަރޗުއަލް ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ އިތުރުން އޮންލައިންކޮށް ފޯރުކޮށްދެމުންދާ ހިދުމަތްތައް އިތުރުކުރުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަސްޓަމް ސޮފްޓްވެއަރއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއާއި، ފުލުހުންގެ އިސް ބައެއް އޮފިސަރުންގެ އިތުރުން ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީއާއި ޖަޕާން އެމްބަސީގެ ހެޑް އޮފް އިކޮނޮމިކް ކޯޕަރޭޝަން ނައުކޯ ޔުޒާވާ ބައިވެރިވެލެއްވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވާސަލާތީ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް، ޔޫއެންއޯޑީސީގެ ފަރާތުން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.