DR Umar

މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި މީހާ މަރުވި އަސްލު ސަބަބު ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ގުދުރަތީ މަރެއްކަން ނުވަތަ ނޫންކަމަށް ޑޮކްޓަރުންނަށް ސީދާ ކަނޑައެޅިގެން ބުނެދެވެން ނޯންނަ ހާލަތްތަކުގައާ އަދި ގަސްތުގައި މަރާލާފައި އޮތް ކަމަށް ބެލެވޭ ހާލަތްތަކުގައިވެސް މަރުވި އަސްލު ސަބަބު ކަނޑައެޅިގެން ބުނެދެވެން އަންނަނީ ޕޯސްޓްމޯޓެމް ނުވަތަ އޮޓޮޕްސީއެއް ހަދައިގެންނެވެ. އެގޮތުން ދިވެހި ފުލުހުންނަށްވެސް ގާނޫނުން މުތުލަގު ގޮތެއްގައި ޕޯސްޓްމޯޓެމް ހެދުމުގެ ބާރު މިހާރު ވަނީ ލިބިދީފައެވެ. އަދި މިހިދުމަތް ރާއްޖޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު މިހިދުމަތް ރާއްޖޭގައި ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި އެއް އޮފިސަރަކީ ޕެތޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ފުލުހުންގެ ހިދުމަތުގައި ދެމިހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރުއެވެ.

ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ޑރ. އުމަރުގެ ބޮޑު އުންމީދަކަށްވާއިރު، އެހިދުމަތް ރާއްޖޭގައި ފެށިގެންދާނެކަމުގެ ޔަގީންކަން އަބަދުވެސް އޮންނަކަމުގައި އުމަރު ފާހަގަކުރެއްވިއެވެ. "އަޅުގަނޑަށް އަބަދުވެސް ޔަގީންކަން އޮވޭ ރާއްޖޭގައިވެސް މިހިދުމަތް ފެށޭނެކަން. ކުރިއަރަމުންދާ ގައުމެއް. ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއްވެސް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ގައުމެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބޭނުންތެރި ދާއިރާއެއް މިދާއިރާކީ" ވަކިން ހާއްސަކޮށް ރާއްޖެއަށް އެތަކެއް ފަތުރުވެރިންނެއް ޒިޔާރަތްކުރަމުންދާއިރު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ޕްރޮފެޝަނަލްކޮށް އިންތިޒާމްވެފައި ހުރުމަކީ އެފަދަ ފަރާތްތަކުގެވެސް އިތުބާރު ބޮޑުވެގެންދާނެ ކަމައްކަމުގައި ޑރ. އުމަރު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުން

ޑރ. ހަސަން އުމަރު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ފުލުހުންގެ ހިދުމަތުގެ ކަންކަން ތަރައްގީވަމުން ޕްރޮފެޝަނަލް ވަމުންއައި ދުވަސްވަރެވެ. އޭރާ އަޅާ ބަލާއިރު ފުލުހުންގެ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް މިހާރު ލިބިފައިވާކަންވެސް ޑރ. އުމަރު ފާހަގަކުރެއްވިއެވެ. ހާއްސަ ގޮތެއްގައި ފޮރެންސިކް ހިދުމަތްތައް އެއްދުވަހުން އަނެއް ދުވަހަށް ފުޅާވެ ޝަރީއަތުގެ މަރުހަލާގައިވެސް ފޮރެންސިކް ހެކިތަކަށް ބަރޯސާވާ މިންވަރު މިހާރު އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

DR Umar 1

މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތަށް ނުކުންނެވި ނަމަވެސް ޑރ. އުމަރަކީ މިހާރު ފުލުހުންގެ ދާއިރާއިންވެސް މަތީ ފެންވަރުގެ ތަމްރީނު ފުރިހަމަކުރައްވައިގެން ހުންނެވި ގާބިލު އޮފިސަރެކެވެ.

އެގޮތުން އިންޑިޔާގައި ފުލުހުންނަށް ހިންގާ އެންމެ މަތީ ފެންވަރުގެ ކޯސް ކަމުގައިވާ އައިޕީއެސް ޓްރޭނިންގ ފުރިހަމަކުރައްވާފައިވާއިރު ފާއިތުވި 11 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޑރ. އުމަރު ވަނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ. އެގޮތުން ފްރަންޓްލައިންގައާއި ކަސްޓޯޑިއަލް އަދި ފ. އަތޮޅު ކޮމާންޑަރެއްގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރައްވާފައިވެއެވެ. މިދާއިރާއިން އެންމެ ހަނދާން ހުންނަ މަސައްކަތަކީ ބަންދުގައި ތިބޭ މީހުންނާ ކައިރިން މުއާމަލާތުކުރަންޖެހުމާ އެތަނުގެ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން ކަމުގައި ޑރ. ފާހަގަކުރެއްވިއެވެ. "ކަސްޓޯޑިއަލްގައި ލިބުނު ތަޖުރިބާ ވަރަށް ފާހަގަކުރެވޭ. އަމިއްލައަށް ހުރިހާ ކަމެއް ދަސްކުރީ. އަދި ފަހުން ތަހުގީގީ ދާއިރާވެސް އައު މަސައްކަތަކަށްވި''

ފުލުހުންގެ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް މިހާރު ލިބިލައްވާފައިވާއިރު ފުލުހުން ކުރިއަށް ގެންދާ މަރުގެ ބޮޑެތި މައްސަލަތަކުގައިވެސް ޑރ. އުމަރު ގެންދަވަނީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. "ތަހުގީގުތަކުގައި އަޅުގަނޑުގެ ދާއިރާއިން އޮޕީނިއަން ދެން. ޕެތޮލޮޖިސްޓެއްގެ ހައިސިއްޔަތުން މަރުގެ ބޮޑެތި މައްސަލަތަކުގައި ކައިރިން މަސައްކަތްކުރަން"

މިދާއިރާ ހިޔާރުކުރެއްވީ ކީއްވެ

ޑރ. އުމަރު ޕެތޮލޮޖީގެ ދާއިރާ ހިޔާރު ކުރެއްވުމުގެ ފަހަތުގައި އޮތީ އާއިލާއަށް ކުރިމަތިވި ހިތްދަތި ތަޖުރިބާއެއްކަމުގައި ޑރ. ފާހަގަކުރެއްވިއެވެ. އެއްބަނޑު އެއްބަފާ ބޭބެ އާދައިގެ ގޮތަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަތަނުން ނިޔާވުމާއި އެ އެމަރުގެ ހަގީގަތް އާއިލާއަށް ނޭނގުމުގެ ހިތްދަތިކަމެވެ. "އަޅުގަނޑު ހިތަށް އެރި ކިތައް އާއިލާބާއޭ މިގޮތަށް ދިމާވެފަ ހުންނާނީ. ހަމަ ވަރަށް ގިނަ އާއިލާތަކުން ބޭނުންވާނެ އޭގެ ޖަވާބު ހޯދަން. އެހެންވެ އަޅުގަނޑަށް ކިޔަވަން ފުރުސަތު ލިބުނުއިރު އަޅުގަނޑަށް ފެނުނީ މީއޭ އެފަދަ އާއިލާތަކަށް އެންމެ ބޮޑަށް ޖަވާބުދާރީވެވޭނެ ދާއިރާއަކީ"

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް އޮޓޮޕްސީ ހެދުން ކޮންމެހެން މުހިންމުވާ ސަބަބުތައް ވެސް ޑރ. ކިޔައި ދެއްވިއެވެ. "އޮޓޮޕްސީ ނެހެދޭތީ ގިނަ މަރުތަކުގައި މަރުވާ އަސްލު ސަބަބު ބުނެނުދެވޭ. މަރުވިކަން އެބަ ބުނެދެވޭ. އަދި ޖެނެރެލީ މަރުވާންދިމާވީ މިހެންވެގެންނޭ އެބަ ބުނެދެވޭ. އޮޓޮޕްސީއެއް ހެދުމުން މި ބަލާ އެއްކަމަކީ މީހަކު މަރުވުމަށް އިނިޝިއަލީ ދިމާވި ސަބަބަކީ ކޮބައިކަން. އެންމެ ފުރަތަމަ ދިމާވީ ކޮން ސަބަބެއްތޯ. އޭގެ ސަބަބުން ދެން އަންނަ ޗެއިން އޮފް ރިއެކްޝަންތަކަކުން މީހަކު މަރުވެގެން މިދަނީ. ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ކޯޓުގައި ސާބިތުކޮށްދޭންޖެހޭ އެއްކަމަކީ އެއީ"

ރާއްޖޭގައި އޮޓޮޕްސީ ހެދުމަށް ކުރެވޭ މަސައްކަތް

ރާއްޖޭގައި އޮޓޮޕްސީ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ދޭތެރެ ދޭތެރެއިން ކުރެއެވެ. އެގޮތުން ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެތެރޭގައި އެކި މިންވަރަށް މަސައްކަތްކޮށްފައިވީނަމަވެސް، ނިމިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް އޮޓޮޕްސީ ހެދުމުގެ އިހުތިޔާރު މުތުލަގު ގޮތަކަށް ލިބިގެން ދިއުމުން އަނެއްކާވެސް މިކަމާ ގުޅުންހުރި މަސައްކަތްތަކެއް މިވަނީ ފަށާފައެވެ. އެގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން މަސައްކަތްތަކެއް ކުރަމުން އަންނައިރު މި މަސައްކަތުގައިވެސް ޑރ. އުމަރުގެ ހިޔާލާއި މަޝްވަރާ ހިމެނިގެންދާކަން  ފާހަގަކުރެވެއެވެ. އެހެންނަމަވެސް މިމަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް މިހާރަށްވުރެ ރޭވުންތެރިކަމާއެކު މިކަމަށް ހާއްސަ ވަކި ޓީމެއް އެކުލަވާލެވިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޑރ. އުމަރު ގަބޫލުކުރައްވައެވެ.

އޮޓޮޕްސީ ހެދުމުގައިވެސް ފަހުގެ ޓެކްނޮލޮޖީ

ޒަމާނީ ކުރިއެރުންތަކާއެކު އޮޓޮޕްސީ ހެދުމުގެ ވައްޓަފާޅިއަށްވެސް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޑރ. ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އޮޓޮޕްސީ ހެދުމުގައި ބޮޑަށް ބަރޯސާވަނީ ޓެކްނޮލޮޖީގެ އެހީގައި ވަރޗުއަލްކޮށް އެކަން ކުރުމަށްކަންވެސް ޑރ. އުމަރު ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިހިރަ ޓެކްނޮލޮޖީ، ސީޓީ ސްކޭން ފަދަ އެއްޗެހި ބޭނުންކޮށްގެން ވަރޗުއަލް އޮޓޮޕްސީއެއް ހަދައިގެން އެއިން ރިޒަލްޓް ދެނެގަނެވޭތޯ ބަލާނެ. އެހެންވީމަ އަސްލުގަ މިހާރު މީހަކު ފަޅާނީ އެނޫން ގޮތަކަށް އެކަން ދެނެގަނެވެން ނެތް ހާލަތުގައި އެކަނި. އެއީ އަޅުގަނޑުމެންގެވެސް ތަސައްވުރަކީ. އެގޮތަކަށް މަސައްކަތް ބައްޓަންކުރެވޭތޯ މަސައްކަތްކުރަމުން މިދަނީ"

ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމް މިވަގުތު ހަމަޖެހިފައި ނެތުމަކީ ތަހުގީގުކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމެކެވެ. މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު ތަހުގީގީ ބޭނުންތަކަށް އޮޓޮޕްސީ ހަދަން ކޮންމެހެން މުހިންމު ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން އެކަން ހަމަޖައްސައިދެވޭނަމަވެސް އެކަމުގައި އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑުކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން މި ދަތިތަކުން އަރައިގަނެވި މި ހިދުމަތް ރާއްޖޭގައި އަވަހަށް ފެށިގެން ދިއުމަކީ ޑރ. އުމަރު ފަދައިން ކޮންމެ ދިވެއްސެއްގެވެސް އުންމީދެވެ.