ޗެކުބައުންސް މައްސަލަތައް

އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމާއި، މަކަރާއި ހީލަތުން ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަކީ ކުށެއްކަމަށް ދިވެހިރާއްޖޭގެ ގާނުނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. ޗެކް ބައުންސް ވުމުގެ މައްސަލަތަކަކީވެސް ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ތަހުގީގުކުރަމުންގެންދާ މައްސަލަތަކެކެވެ. ނަމަވެސް، 2020 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަަމަލުކުރަމުންދާ އުސޫލުގެ ދަށުން، ޗެކު ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިގޮތުން މިއުސޫލުގެ ދަށުން ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމާފައިވާ މައްސަލަތަކުގެތެރޭގައި ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހެޅޭ މައްސަލަތަކާއި، މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގައި އެކުލެވޭ ޕްރިންސިޕަލް އެމައުންޓާމެދު  ދެޚަސްމުން ހިލާފުވާ ހާލަތުގައި ޕްރިންސިޕަލް އެމައުންޓު ސާބިތުވާ ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން މަނިޓަރީ ގަވާއިދާ ހިލާފަށް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލައެއް ވާނަމަ އެފަދަ މައްސަލައެއްގައިވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ނިންމާފައެވެ.

އިސްވެ ދެންނެވުނު އުސޫލުތަކުގެ އިތުރުން އާއްމު އުސޫލެއްގެ ގޮތުން، ދެ ފަރުދެއްގެ މެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫންވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމަށްވާނަމަ އެފަދަ މައްސަލަތައް ނުވަތަ ދެމީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައިވެސް ދައުވާ ނުކުރުމަށް ނިންމާފައިވާއިރު، ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ހިއްސާކުރާގޮތަށް އެއްބަސްވެ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން  ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައިވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމާފައިވާކަން ފާހަގަކޮށްްލެވެއެވެ.

އެހެންކަމުން އެފަދަ މައްސަލައެއް އެއްވެސް މީހަކަށް ދިމާވެއްޖެނަމަ ޖެހޭނީ ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެމީހަކު އަމިއްލައަށް އެ މައްސަލައެއް ކަމާބެހޭ ޝަރުއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އަދި ޕްރޮސިކިއުޓަރ އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ހުށަހެޅޭ ހާލަތުގައި، އެފަދަ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާފަހުން ޗެކަށްވާ ފައިސާ ބަދަލު ލިބޭ ފަރާތަށް ދައްކާ ހަލާސްކުރި ކަމުގައިވީނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން ފާހަގަކުރަން ޖެހެއެވެ.

އެހެންކަމުން، ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގުމުގައި މި ކަންކަމަށް ސަމަލުކަން ދެއްވައި ކުރެވޭ މުއާމަލާތަކީ ރައްކާތެރިކަމާއެކު ކުރެވޭ މުއާމަލާތެއްކަން ކަށަވަރު ކުރައްވާށެވެ.