IMG-8fd31839d561c1fde1a2f48b97b013fb-V

ނޮވެމްބަރު 3ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެދިޔަ ޝަހީދުންގެ ޒިކުރާ އައުކުރަމުންދާއިރު އެ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގެން ޤައުމީ ޖޯޝުގައި ޚިދުމަތަށް ނުކުމެ ތިބި ދަރިންގެ މަތިން ހަނދާން އައުކުރުމަކީވެސް މިފަދަ ދުވަހެއްގައި ވަރަށް ވެސް މުނާޞަބު ކަމެކެވެ.

އެގޮތުން ފާހަގަކުރެވޭ އެއް ކަނބަލަކީ ޝަހީދު ސަރޖަންޓް ކުޑައާދަމްގެ ކުޑަތުއްތުގެ ދަރިކަނބަލުން ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާމިނަތު ސަނާއެވެ.

20201103_182059

ނޮވެމްބަރު 3ގައި ބައްޕަ ޝަހީދުވެވަޑައިގެންނެވިއިރު ސަނާގެ އުމުރަކީ ފަސް އަހަރެވެ. އާދައިގެ މަތިން ޒޯން ޑިއުޓީއަށް ރަށުތެރެ ބެލެހެއްޓުމުގެ ސަރުދާރެއްގެ ހައިސިއްޔަތުން ޝަހީދު ކުޑަތުއްތު އެދުވަހު ޑިއުޓީއަށް ނުކުމެ އުޅުއްވީ ޒިޔާރަތް މަގުގައެވެ. ސައިކަލުގައި ފަރީދީ މަގުން ވަޑައިގަންނަވަނިކޮށް ސިފައިންގޭ ސަރަހައްދުން ބަޑިޖަހާ އަޑު އިވެމުންދާތީ ވެގެންއުޅޭ ގޮތް އޮޅުން ފިލުއްވުމަށް ވޯކީ ޓޯކީ ބޭނުންކޮށްގެން ސިފައިންގެ ޓާސްކްފޯސް ކައުންޓަރަށް ގުޅުއްވަމުން ދިޔަކަމަށް ވެއެވެ. އެއީ ޝަހީދުވެވަޑައިގެންވުމުގެ ކުރިން އެންމެ ފަހުން ކުޑަތުއްތުގެ އަޑު އިވުނު ވަގުތެވެ. ސައިކަލުގައި އިންނެވި ކުޑަތުއްތު ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ކައިރިން މެދުޒިޔާރަތްމަގަށެވެ. ކުޑަތުއްތު ޝަހީދުވެ ވަޑައިގެންނެވިއިރު ހަތް ދަރިންނާއި އަންބަކު ދުނިޔޭގައި އިންނެވިއެވެ.

20201103_174011

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާމިނަތު ސަނާ އަކީ ހ. ކައުސްލިޕް މަރިޔަމް ހަބީބާއާއި ކައިވެނި ބައްލަވައިގެން ކުޑަތުއްތުއަށް ލިބިލެއްވި ހަތަރު ދަރިންގެ ތެރެއިން ދެވަނަ ދަރިފުޅެވެ. ބައްޕަގެ މާގިނަ ހަނދާންތަކެއް ސަނާގެ ނެތްނަމަވެސް ގާތްމީހުންނާއި އާއިލާ މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ބައްޕަކީ ވަރަށް ހިތްހެޔޮ އެންމެނާވެސް ގުޅޭ ބޭފުޅެއްކަން ސަނާ ފާހަގަކުރިއެވެ. ''ބައްޕައަކީ ވަރަށް ހިތްހެޔޮ އެންމެނާ ގުޅޭ ވަރަށް ސަމާސާ މީހެއް. ބައްޕަ ޝަހީދުވުމުގެ ކުރިން މުޅި އާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައި. އޭރު ބައްޕަ ރައްޓެއްސެއްގެ ގެއަށް ދިއަޔަސް ދާނީ ގިނަ ފަހަރަށް އަޅުގަނޑު ގޮވައިގެން. އަޅުގަނޑުމެންދެކެ ބައްޕަ އިންތިހާއަށް ލޯބިވޭ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބައްޕަ ވަކިވެގެން ދިޔައީ. އެ ދުވަހަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ދުވަހެއް ނޫން''

އެދުވަހު އެއީ ތުއްތު މައުސޫމް ކުއްޖެކެވެ. އެދުވަހު ހިނގައިދިޔައީ ކިހައިވަރެއްގެ ކަމެއްކަން އޭރު އަންދާޒާ ނުކުރެވުނު ނަމަވެސް ލޯބިވާ ބައްޕައެއްގެ އަޅާލުމާއި އެހީތެރިކަން ކުއްލިއަކަށް އާއިލާއަކަށް ގެއްލިގެން ދިއުމުން އާއިލާއަކަށް ކުރިމަތިވާނެ ހުރިހާ ހިތްދަތިކަމަކާއި ދެރަ ނިކަމެތި އިޙްސާސްތަކެއް އެ އާއިލާއަށްވެސް ތަޖުރިބާކުރަންޖެހުނެވެ. އެހަނަސް އެހިތްދަތި މާޒީން ހިތްވަރު ހޯދައިގެން ސްކޫލު ދައުރު ނިމުމާއެކު ސަނާ ނުކުތީ ސިފައިންގެ ޚިދުމަތަށެވެ. "އަސްލު މި ޚިދުމަތުގައި ދެމިހުރުމުގެ ބާރަކަށްވޭ ބައްޕަގެ ހަނދާންތައް. ބައްޕަގެ މަތިވެރި ޚިދުމަތުގެ ޤުރުބާނީއަށް އޮތް އިޙްތިރާމް"

IMG-a96f37cb6290fabee03205fb5eaadda3-V

ފުލުހުންގެ ޚިދުމަތުގައި މިހާރު 20 އަހަރު ހޭދަކޮށްފައިވާއިރު ސަނާވަނީ ސިފައިންގެ ދައުރުން ފެށިގެން ފުލުހުންގެ އެކި ދާއިރާތަކުގައި އަގުހުރި މަސައްކަތްތަކެއް ކޮށްފައެވެ. ޕޮލިސް ހެޑްކުއާޓާޒްގެ ކޮންޓްރޯލް ރޫމުގައި ރައްޔިތުންގެ ފޯނުކޯލުތަކަށް ޖަވާބު ދެއްވުމުގެ ވަޒީފާއިން ފެށިގެން ތަފާތު އެކި މަސައްކަތްތައް ކޮށްފައިވެއެވެ. ޕޮލިސް އެކަޑަމީން ހިންގާ ރެކްރޫޓް ޓްރޭނިންގ ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވެއެވެ. މިހާރުވެސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓްގައި ދަނީ މަސައްކަތްކުރަމުންނެވެ. ޕޮލިސް ރެކްރޫޓް ޓްރޭނިންގ ކޯސް 11، 12، 13 އަދި 19 ވަނަ ބެޗްގެ މުދައްރިބެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އާމިނަތު ސަނާއަކީ ހިތްވަރުގަދަ ކަނބަލެކެވެ. ބައްޕަ ފަދައިން، ކުރާކަމެއް ފަސްނުޖެހި ކުރުމަށް އަޒުމް ކަނޑައަޅައިގެން ހުރި ފިސާރި ކެރޭ ފުލުހެކެވެ. ކޯވިޑް 19އިގެ މިހާލަތާ ގުޅިގެން ފުލުހުންގެ މަސައްކަތްތައް ތަރުތީބުވެގެން ދިޔައިރު އެކުލަވައިލެވުނު ސިޓުއޭޝަން ރޫމްގެ އިތުރުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތުގައިވެސް މުހިއްމު ދައުރެއް ސަނާ އަދާކޮށްފައިވެއެވެ.

ނޮވެމްބަރު 3 ގެ ޒިކުރާ ކޮންމެ އަހަރަކުވެސް އައުކުރަމުންދާއިރު އެދުވަހުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލަން އަދިވެސް އެއާއިލާއަށް ކުޅަދާނައެއް ނޫންކަން ސަނާ ފާހަގަކުރިއެވެ ''ބައެއް ފަހަރު ބައްޕަގެ ވީޑިއޯއެއް ނުވަތަ ފޮޓޯ އެއް ޓީވީއަކުން ދައްކަމުންދާނަމަ ވަރަށް އަސަރުކުރޭ. ހިތުގައިޖެހި ދެރަވެގެން ރޮވޭ" އެހެންވެ ނުބަލަން. އެކަމަކު ބައްޕަގެ ހަނދާންތައް އައުކޮށް އަޅުގަނޑުގެ ދަރިންނަށްވެސް އެވާހަކަތައް ކިޔައިދެން. އެކުދިންގެ އުމުރާ ގުޅޭގޮތަށް، އެދުވަހުގެ ވާހަކަތައް ކިޔައިދެނީ. އެއީ އެކުދިންގެ ކާފަގެ ވާހަކަތައް އެނގުން މުހިއްމު ކަމަކަށްވާތީ"

ތެދެކެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެދިޔަ ހާދިސާއަކީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއްނޫނެވެ. އަދި އެދުވަހު ދިވެހިންނަށް ލިބުނު ނަޞްރުގެ މަތިވެރި ޒިކުރާގެ މަތިން ދިވެހިން އަބަދުވެސް ހަނދާން އައު ކުރަންޖެހެއެވެ. ޤައުމަށްޓަކައި ހަނގުރާމަކޮށް ޝަހީދުވެދިޔަ އަބުޠާލުންގެ މަތިވެރި ޤުރުބާނީގެ މަތިން ހަނދުމަކޮށް އަންނާންއޮތް ޖީލުތަކަށްވެސް އެވާހަކަތައް ފޯރުކޮށްދޭންޖެހެއެވެ. އަދި އެބަޠަލުންގެ ޖިހާދުން ހިތްވަރު ލިބިގެން މިއަދުވެސް ޚިދުމަތުގައި ކުރިއަށް ނުކުމެ ތިބި ޚިދުމަތްތެރިންނަށް ހައްޤު ޝުކުރާއި ސާބަސްވެސް ރައްދުކުރަންޖެހެއެވެ.