
އދ. ދަނގެއްޗާއި ފުވައްމުލައް އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެގޮތުން އދ. ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެރަށު ފަޅުގައި އޮތް ޑިންގީއެއް ބަލައިފާސްކޮށްފައިވާއިރު، އެޑިންގީ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 49 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
ފުވައްމުލަކުގައި އޮކްޓޫބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ފުވައްމުލައް ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކުރިއިރު، އެގޭ ގޯތިތެރޭގައި ހުރި ކެޔޮފީންޏެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 60 ކުދި ރަބަރު ޕެކެޓް ފެނިފައިވެއެވެ.
އދ. ދަނގެތީ އަދި ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިވަނީ މީދޫގެ ގެއެއް ބަލައިފާސްކޮށްފައެވެ. އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅާއި 23 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި މިމައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މަސްތުވާތަކެތީގެ މިމައްސަލަތައް އދ. ދަނގެތި، ފުވައްމުލައް އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.