Door to door pic3

ނ. މާފަރު ޕޮލިސް ސްޓޭޝަނުގައި އެރަށުގައި މީހުން ދިރިއުޅެމުންދާ ގެތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް  ހިންގައިފިއެވެ.

އޮކްޓޫބަރު 20 ން 22 އަށް ހިންގި މި ޕްރޮގްރާމަކީ މާފަރުގައި ފުލުހުންގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތައް ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތްތައް އޮޅުންފިލުވައި ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި މާފަރުގެ ކުށުގެ ވެށީގެ މައުލޫމާތާއި ކުށްކުރުން މަދުރުކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ގޭގެއަށް ޒިޔާރަތްކޮށް، ވައްކަމުގެ މައްސަލަތަކާ ގުޅިގެން އެފަދަ މައްސަލަތައް މަދުކުރުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މާފަރުގައި ދުއްވާ  އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމުގެ ގޮތުން އަހަރީ ފީ، އިންޝުއަރެންސް އާއި ރޯޑްވާދިނަސް ހަމައަށް ހުރިތޯ ބަލައި، އުޅަނދުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މާފަރުގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މަގުތަކަކަށްހެދުމުގެ ގޮތުން ފަރުދީގޮތުން ކުރެވެން ހުރިކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން މާފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކޮށްފައިވެއެވެ.