police-71

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ޏ.ފުވައްމުލަކުގެ އިތުރުން ތ.އަތޮޅާއި ބ. އަތޮޅުގައެވެ.

އެގޮތުން މާލެ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ދަތުރުކުރާ ބޯޓަކުން އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް މި ހިނގާ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 35 އަހަރާއި، 36 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ ބޯޓުން ބޭލި ފޮށިގަނޑެއް ހިފައިގެން އެ ދެމީހުން ދަނިކޮށް މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 211 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ 14 ވަނަ ދުވަހު  ހިރިލަންދޫގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ މައްސަލައިގައި މަސްތުވާތަކެއްޗާއެކު 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ކަރުދާސްކޮޅާއި، ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.

މީގެއިތުރުންވެސް މަސްތުވާތަކެތި ގެންގުޅޭކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެހެން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 43 އަހަރުގެ ދިވެހި ފިރިހެނެއް އެރަށުން ހައްޔަރުކޮށްފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުއްޓުވައި ބަލައި ފާސްކުރަން އުޅުނު ވަގުތު ބިންމައްޗަށް އެއްޗެއް ވައްޓައިލިތަން ފެނުމުން  ފުލުހުން އެ ނަގައި ބެލިއިިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރިކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑާއަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެއިތުރުން ބ. ދަރަވަންދޫގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ ދަރަވަންދޫ ޕޮލިސް ޑެސްކާއި، ބ.ކެންދޫ ޕޮލިސް ޑެސްކާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮކްޓޯބަރ 13 ވަނަ ދުވަހުއެވެ.

އެ އޮޕަރޭޝަނުގައި ދަރަވަންދޫ ޕެޓްރޯލް ޝެޑް ކައިރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުޕެކެޓް (ކުޑަ) އަދި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.