main

ދުނިޔެމަތިން ނެގި ކަޅު ބޯ ވިލާގަނޑުގެ އަސަރު އެތައް ބައެއްގެ ދިރިއުޅުމަށްކުރީ ހީނުކުރާހާ ބާރު އަވަސް މިނެއްގައެވެ. ހިޔާލަށްވެސް ނާންނަހާ އެތައް ކަމެއް ކުރިމަތިވެ އެތައް ބައެއްގެ ދިރިއުޅުން މިވަނީ އެފުށް މިފުށަށް ޖެހިފައެވެ.

ފުލުހުންނަކީ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ހިދުމަތްކުރުމަށް ހުވައި ކޮށްގެން ތިބި ބައެކެވެ. ބައެއް ހާދިސާތަކުގައި އެލާޓްވެ އާއިލާތަކާ ދުރުގައިވެސް ފުލުހުން މީގެކުރިންވެސް ރައްޔިތުންގެ ހައްގުގައިވަނީ އެތައް މަސައްކަތްތަކެއް ކޮށްފައެވެ. އެއްގަމާއި ކަނޑުގައެވެ. އަތްވާއި ވާރޭގައެވެ. އެހެންނަމަވެސް މި އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ބިޔަ ރާޅުން ދިވެހިން ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންދިއުމަށް މިވާ ގުރުބާނީއަކީ މުޅިން ތަފާތު ވާހަކަތަކެކެވެ.

ފުލުހުން މި ފަހަރު މަސައްކަތަށް ނުކުތީ ނުރައްކާތެރި އަނދަވަޅުގެ ތުންފަތް މައްޗަށް އާއިލާވެސް ދޫކޮށްލާފައެވެ. އެނބުރި އާއިލާ ގާތަށް ދެވޭނީ ކޮން ދުވަހަކުން ކަންވެސް ނޭނގި ތިބެއެވެ. މިހާތަނަށް މަސައްކަތް ކުރަމުން އައި ޑިޕާޓްމެންޓާއި ރަހުމަތްތެރިންނާ ދުރަށް، ނުވެސް ދަންނަ ބައެއްގެ ތެރެއަށެވެ. އެހެންނަމަވެސް ހަމަ ގައުމީ ހިދުމަތަށެވެ.

Call Center

އައްސަލާމްއަލައިކުމް މީ އިހުސާން

ކޯވިޑް 19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ ނޭޝަނަލް ހެލްތް އެމަޖެންސީ ސެންޓަރުގެ ނަމުގައި ހާއްސަ ސެންޓަރެއް ގާއިމުކުރުމެވެ. މިއާއެކު މި ސެންޓަރުގެ މަސައްކަތުގައިވެސް އެންމެ ކުރީ ސަފުން ފެށިގެން އެންމެ ފަހަތާ ހަމައަށް އެކި ސަފުތަކުގައި ފުލުހުން ބައިވެރިވެ މަސައްކަތް ފެށިއެވެ.

ކޯވިޑާ ގުޅޭ މައުލޫމާތު އާއްމުންނަށް ދިނުމާއި މި ބައްޔަށް ހުށަހެޅޭ މީހުން ދެނަގަތުމާއި މީހުންގެ ކަންބޮޑުވުންތަކަށް ވަގުތުން ވަގުތަށް ޖަވާބު ދިނުމަށް އެންއީއޯސީގައި ގާއިމުކުރި އެއްތަނަކީ ކޯލް ސެންޓަރެވެ. މި ދެންނެވި ކޯލް ސެންޓަރަށް އަންނަ ކޯލުތަކަށް ޖަވާބު ދިނުމުގައި މިއަދާ ހަމައަށްވެސް ފުލުހުން އަންނަނީ ރެއާއި ދުވާލު މަސައްކަތްކުރަމުންނެވެ. 24 ގަޑިއިރު ޝިފްޓު ޑިއުޓީ ބަހައިގެން 13 ފުލުހަކު އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދީ އެކަމަށް ބޭނުންވާ ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. ދުވާލެއްގެ މައްޗަށް އެތައް ކޯލަކަށް ޖަވާބުދެނީ އޯގާތެރިކަމާއި ލޯތްބާއެކު ފޫހިކަމެއް ވަރުބަލިކަމެއްނެތިއެވެ. ދިރިއުޅުމުގެ އެހެން އެއްވެސް ކަމަކާމެދު ވިސްނާ ފިކުރުކޮށްލަން ވަގުތު ހުސްކުރުމެއް ނެތިއެވެ.

ބައެއް ފަހަރު އަންނަނީ ވަރަށް ރީތިކޮށް މުއާމަލާތުކުރާ ކޯލްތަކެވެ. އަނެއް ބައި ފަހަރު ރުޅިވެރިކަމާ ނުރުހުމާއެކު ބުނެލާ ބަސްތަކުން ހިތްފަޅައިގެންދާ ފަދަ ކޯލްތަކެވެ. އެހެންނަމަވެސް މި ކޯލް ސެންޓަރުގައި މަސައްކަތްކުރާ ފުލުހުންވެސް މި ކޯލްތަކަށް ޖަވާބު ދެމުންދަނީ ގައުމީ ހިދުމަތުގައި އަބަދުވެސް ރައްޔިތުންނާ އެކު ތިބޭނެކަން ހާމަކުރާ އުސޫލުން ރުޅިވެރިކަމެއް ބުރަ ހިތެއް ނެތިއެވެ. މި ގަދަ ކަނޑުން ދިވެހިން ސަލާމަތްކުރާ ޓީމުގެ އިސް ސަފުގައި ފުލުހުންގެ ނަން ފަވައި ނެގުމަށެވެ.

މީގެ ތެރެއިންވެސް ހިތް ވަރުގަދަ އެއް ބަޠަލަކީ ޕޮލިސް ކޮންސްޓަބަލް އަހުމަދު އިހުސާނެވެ. އިހުސާނަކީ ޖުލައި މަހުން ފެށިގެން ކޯލް ސެންޓަރުގައި ކޮންމެ ދުވަހަކުވެސް މަސައްކަތުގައި ވަގުތު ހޭދަކުރާ ފުލުހެކެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް އަންނަ ކޯލްތަކަކީ އިހުސާންގެ ދުވަހުގެ މަސައްކަތު ލޮގެވެ.

''100 އަށްވުރެ ގިނަ ކޯލަށް ކޮންމެ ދުވަހަކުވެސް ޖަވާބުދެން. ބައެއް ކޯލްތަކުން އަޑު އިވިގެންދިޔައީ ހިތްދަތިކުރުވި ހިތަށް އުނދަގޫވި ވާހަކަތަކެއް. މަސައްކަތްކުރުމުގައި ދަތިތައް ކުރިމަތިވެގެންދިޔަ ކަމަކަށް އެކަން ވެގެންދިޔަ. އާއިލާއާއެކު ހޭދަކުރަމުންދިޔަ ވަގުތުތައް މަދުވެގެންދިޔަ. އެހެންކަމުން ބައެއް ފަހަރު ހިތަށް އުނދަގޫވި އިހުސާސްތައް ކުރުވި. އެހެންނަމަވެސް އަޒުމަކަށް ބަދަލެއް ނާދޭ."

މީ މަސައްކަތުގައި ކޮންމެ ދުވަހަކު އިހުސާނަށްވެސް ކުރިމަތި ކުރުވަމުން ދިޔަ ކަންތައްތަކުގެ ވާހަކައެވެ. އެހެންނަމަވެސް އިހުސާންގެ ވާހަކަތައް ކޮންމެ ކޯލަކަށްވެސް ނިންމާލަނީ އެ މީހަކު ގުޅިކަމަކަށް ހައްލު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހުއެވެ. ނުވަތަ ހިތްހަމަޖެހޭ ޖަވާބަކަށްފަހުއެވެ.

Contact tracing

ފައްސިވުމުގެ ކުރިން ބައްދަލުވީ ކޮންބަޔަކާ؟

ދެން މި އޮތީ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކޮންޓެކްޓް ޓްރޭސިންގައި މަސައްކަތްކުރަމުންދާ ފުލުހުންގެ ވާހަކައެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވާން ފެށީއްސުރެ މިއަދާ ހަމައަށް 18 ފުލުހަކު އެ މަސައްކަތުގައި ދަނީ ބައިވެރިވަމުންނެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

ކޯވިޑަށް ފައްސިވާ މީހާއާ ސީދާ ބައްދަލުވެފައިވާ މީހުން ހޯދައި އެމީހުންނަށް ގުޅައި ކަރަންޓީނުވާން ނުވަތަ އައިސޮލޭޝަންއަށް ދާންޖެހޭ މީހުން ދެނެގަނެ، ބޭނުންވާ މައުލޫމާތު ހިއްސާކުރުމުގައެވެ. މިތަނުގައި މަސައްކަތްކުރާ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަތީގުއްރަހްމާން އަލީގެ ވާހަކައަކީ މީއެވެ. މީ އެންމެ ކޯލެއް ނޫނެވެ. އެންމެ ކޯލަކުން ކުރަންޖެހޭ އެތައް ސަތޭކަ ކޯލް އުފަންވާ ފަހަރުވެސް އެބަ އާދެއެވެ. ކަރަންޓީނަށް ފޮނުވާ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުން ދެނެގަނެ އެމީހުންގެ ކަންކަން ގާތުން ބެލުމަށް މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތްކުރެއެވެ.

''މީ ގިނަވަގުތު ހޭދަކުރަންޖެހޭ ކަމެއް. ފައްސިވާ އެންމެ މީހަކާ ސީދާ ބައްދަލުވެފައިވާ މީހުންގެ އަދަދުވެސް މަދެއްނޫން. އެއިން ކޮންމެ މީހަކަށްވެސް ގުޅައި މައުލޫމާތު ހޯދަން ޖެހޭ. މި ބަލިން ގިނަބަޔަކު ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކައި އެތައް ކޯލެއް ނަގައި ޖަވާބުދޭން ޖެހޭ. ގުޅަނީ ކޮންތަނަކުންކަން އެނގޭ ހިސާބުން ފޯނު ކަނޑާލާ މީހުންވެސް މަދެއްނޫން. ނުރުހުމުގެ ބަސްތައް ރައްދުކުރާ މީހުންވެސް މަދެއްނޫން. މީ ކިހާވަރެއްގެ ކަމެއްކަމާއި ތިމާގެ ފުށުން އެހެން މީހަކަށް ބަލި ޖެހިދާނެކަމަށް ވިސްނައިދޭން މަސައްކަތްކުރިއަސް އެ ވާހަކަތައް އަޑު އަހަން ބޭނުންނުވާ މީހުންނާވެސް ބައްދަލުވޭ. އުނދަގޫ ވަގުތުތަކާ ކުރިމަތިވޭ''.

އިހުސާނާއި އަތީގުއްރަހްމާންގެ ވާހަތަކުންވެސް އެނގޭ އެއްކަމެއް އެބައޮތެވެ. ބައެއް މީހުންނަށް މިބަލީގެ ސީރިއަސްކަން އަދިވެސް ނުވިސްނޭކަމެވެ. އަދި މިތަނުގައި މަސައްކަތްކުރަނީ ދިވެހި ދަރިއެއްކަން ބައެއް މީހުން ހަނދާންނެތޭ ފަހަރު އައުމެވެ.

ގޭގައި އާއިލާއާއެކު ނުވަތަ ކޮފީގައި ރަހުމަތްތެރިންނާއެކު ތިބެ ގުޅާއިރު، އެތަނުގައި ތިބޭ މުވައްޒަފުން ކުރާ ބުރަ މަސައްކަތާއި އެމީހުންގެ އިހުސާސްތައް ތަސައްވަރު ނުކުރެވުމެވެ. އެއިން ކޮންމެ މީހެއްގެވެސް އާއިލާއާއި ރަހުމަތްތެރިން ތިބޭނެއެވެ. އެހެންނަމަވެސް އެތައް ވަގުތެއް ދިވެހިންގެ ހައްގުގައި އެމީހުން އެ ހޭދަކުރަނީ ލޯބިވާ އަނބިދަރިންނާއި ފިރިންނާއި އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައެވެ.

އިހުސާނާއި އަތީގުއްރަހްމާން ވެސް ބުނީ އެއް ވާހަކައެކެވެ. ފުރައްސާރައާއި ރުޅިވެރިކަން ކުރިމަތިވި ނަމަވެސް މި ހިދުމަތުގައިވެސް ފުލުހުން ފަހެއް ނުޖެހޭނެއެވެ. ކުރިމަތިވާ އުދާސްތައް އަމިއްލަ ހިތުގެ ތެރެއަށް ދޫކޮށްލާނީ ދިވެހި ގައުމު މި ބަލިން ނެރެ ފާގަތި މާހައުލެއް ދިވެހިންނަށް ހޯދައިދިނުމަށެވެ. ހިތްހަމަނުޖެހިގެންވެސް ގުޅާފާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ރުޅިއެއް ނާންނާނަމެވެ. ބުނާށެވެ. ކިޔައިދޭށެވެ. އެހީވާނަމެވެ. އަދި މާތްﷲގެ ހެޔޮ ރަހްމަތްފުޅާއެކު ސަލާމަތްކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަމެވެ. ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައެވެ.