
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ތ. މަޑިފުށީގެ އިތުރުން ގދ. ތިނަދޫގައެވެ.
އެގޮތުން ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 38 އަހަރުގެ ދެ މީހަކާ 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ތިންމީހުން ހައްޔަރުކޮށް އެރަށު ތިން ގެއެއް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި، 15 ސެލޯފިންކޮޅު ފެނިފައިވެއެވެ.
ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު މީހެއްގެ އަމަލުތައް ހުރިގޮތުން އެމީހާ ހުއްޓުވައި ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލަ އާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
އޭގެ އިތުރުން މަޑިފުށި ޕޮލިސް ސްޓޭޝަނާ އެ އަތޮޅު ދިޔަމިގިލި ޕޮލިސް ޑެސްކް ގުޅިގެން މި ސެޕްޓެމްބަރ 27 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮަޕަރޭޝަނެއްގައި ދިޔަމަގިލިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ގދ. ތިނަދޫގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެގޮތުން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ 28 ވަނަ ދުވަހު ހިންގި އަޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި، 23 ސެލޯފިންކޮޅުގެ އިތުރުން ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.