police 17

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. ކެނދިކުޅުދުއާއި އެ އަތޮޅު ހޮޅުދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.

އެގޮތުން މާލެއިން ކެނދިކުޅުދުއަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މާފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކެނދިކުޅުދުއަށް ބޭލި ފޮށިގަނޑެއް  ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ސެޕްޓެމްބަރ 24 ވަނަ ދުވަހު މާލެއިން ހަމަ އެ އަތޮޅު ހޮޅުދުއަށް ދާ ބޯޓަކުން ހޮޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އެ ބޯޓުން ބޭލި ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ސެޕްޓެމްބަރ 23 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. ކުޅުދުއްފުށި ބަނދަރު ސަރަހައްދުން އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.