DED

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ޓީޖެޓީގައި އޮތް ޕިކަޕެއް ބަލައި ފާސްކުރިއިރު 816 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން، 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހެކެވެ.

މީގެ އިތުރުން، ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ ރޭ ދަންވަރު މަސްތުގެ ހާލަތުގައިހުރި މީހަކު ކާރެއް ދުއްވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދުއްވި ކާރު ބަލައި ފާސްކުރިއިރު 18 ދަޅު ބިޔަރު ފެނިފައިވެއެވެ.