IMG-c896327a517b93cde5d815d19b067998-V

ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، 511 ބިޔަރު ދަޅާއި، 116 ބަނގުރާ ފުޅިއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން މި ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ހެންވޭރު ގެއެއް ކައިރީގައި ޕިކަޕަކުން އެއްޗިހިތަކެއް ބާލަމުންދިޔަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަދި އެ ޕިކަޕު ބަލައި ފާސްކުރިއިރު 511 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

ސެޕްޓެމްބަރ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، މާލެ ސިނާއީ ސަރަހައްދުން ވޭން އެއް ހުއްޓުވައި ބަލައި ފާސްކުރިއިރު 116 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

މި ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.