police-2124

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ތޮއްޑޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭ 01:15 އެހާކަންހާއިރު އއ. ތޮއްޑޫ ބަނދަރުމަތިންނެވެ.

އެމީހާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާގެ އަތުގައިހުރި ތަކެތި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ޗާރޖަރެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.