Sujau Adnan

ޕޮލިސް ސަރޖަންޓް ސުޖާޢު އަދުނާން، ސ. ނަމްބަރު 2100 ( އާޘާމް/ހއ. ދިއްދޫ ) ވަނީ އިއްޔެގެ ވަގުތެއްގައި ނިޔާވެފައެވެ.

ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރަމެވެ. އަދި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޞްރަތު ގައި ދުޢާ ދަންނަވަމެވެ. އާމީން.

ޕޮލިސް ސަރޖަންޓް ސުޖާޢު އަދުނާން މެދުނުކެނޑި 15 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚިދުމަތް ކުރައްވާފައިވެއެވެ. ނިޔާވި އިރު މަސައްކަތްކުރައްވަމުން ގެންދެވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަޕަރ ނޯތު ޕޮލިސްގެ ޑިވިޜަންގައި ހިމެނޭ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ޕެޓްރޯލް އޮފިސަރެެއްގެ ގޮތުގައެވެ. ފުލުހުންގެ ހިދުމަތުގައި ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި އަޚުލާޤީ ކުލަ، މިނިވަން ފަންސާހުގެ މެޑަލް، ފުލުހުންގެ ޚިދުމަތުގެ ކުލަ، ސުނާމީ ކާރިޘާގެ މެޑަލް އަދި އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ.

ޕޮލިސް ސަރޖަންޓް ސުޖާޢު އަދުނާން ނިޔާވިއިރު 2 ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. ނިޔާވި އިރު ޢުމުރަކީ 36 އަހަރެވެ.