police-2124

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ފޯކައިދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މާލެއިން ފުރައިގެން ފޯކައިދުއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 15:14 އެހާކަންހާއިރު ފޯކައިދޫ ބަނދަރު ސަރަޙައްދުންނެވެ.

އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހިފައިގެން ހުރި ފޮށިގަނޑު ބަލައިފާސްކުރިއިރު އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ.ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.