ނަތީޖާ ނެރުމުގައި ދިވެހި ފުލުހުން

ސިވިލް އޮފިސަރ ފާތިމަތު ނާދިރާ

Ihthisham sir 1

ކޯވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާއިރު މި ބަލީގައި ހުރިހާ ގައުމަކަށްވެސް ދިމާވެފައިވާ ދަތިތަކެއް އެބަހުއްޓެވެ. އެކަށީގެންވާވަރަށް ޓެސްޓުނުކުރެވުމާއި އެކަމަށް ހޭދަވާ ވަގުތާއި މީހުންނާއި ވަސީލަތްތައް ލިބުމުގައި ހުރި ދަތިތަކެވެ.

ރާއްޖެއިން ކޯވިޑް ބަލީގެ މީހަކު އެންމެ ފުރަތަމަ ފެނި މި ބަލި ދެނެގަތުމަށް މީހުން ޓެސްޓުކުރެވެން ފެށުމަކީ ރާއްޖެއިން މި ބައްޔާ ދެކޮޅަށް އެޅި އެންމެ އަވަސް އެއް ފިޔަވަޅެވެ. އަދި އާބާދީގެ ނިސްބަތަށް ބަލާއިރު ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދަކަށް ޓެސްޓު ހަދާ އެއް ގައުމަކީވެސް ރާއްޖެއެވެ.

ރާއްޖެއިން ކޯވިޑް ފެނުނުތާ 182 ދުވަސްވެ 8000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ދެ ލައްކައާ ދާދި ގާތަށް ސާމްޕަލް މިވަނީ ނަގާފައެވެ. ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަމުން އައީ އައިޖީއެމް ހޮސްޕިޓަލުގައި ނަމަވެސް ކޯވިޑް ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓު މިހާރު ރާއްޖޭގެ ފަސް ހިސާބެއްގައި ހެދޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފުލުހުންގެ ލެބޯޓަރީގައިވެސް މި މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން ކޯވިޑް ފެނި މި ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި އެއްވެސް ވަރުބަލިކަމެއް ފޫހިވުމެއް ނެތި މަސައްކަތް ކުރަމުން އަންނަ އެއް ބަޔަކީ ދިވެހި ފުލުހުންނެވެ. އެއީ މަގުމައްޗަށް ނުކުމެ ފޯރި މަރަންޖެހުނުކަމުގައިވިޔަސް އަދި ބަލި މީހުން އައިސޮލޭޝަނަށް އުފުލާ އެމްބިއުލާންސްތައް އެސްކޮޓް ކުރަން ޖެހުނަސް، މަގުމަތީގައި ސާމްޕަލް ނަގަން އަތްވާއި ވާރޭގައި އުޅެންޖެހުނަސް ނުވަތަ ލެބޯޓަރީގައި ސާމްޕަލްތައް ޓެސްޓްކުރަން އިންނަންޖެހުނަސް ހެވޭ ބުނަމުންނެވެ. ފުލުހުން މި ހުރިހާކަމެއްގައިވެސް ދައްކުވައިދެމުން އަންނަނީ ގައުމީ ލޯތްބާއި ފުރަތަމަ އިސްކަމަކީ ރައްޔިތުންނަށް ހިދުމަތްކުރުންކަމެވެ.

ލެބޯޓަރީގައިވެސް ދިވެހި ފުލުހުން

ކޯވިޑަށް މީހުން ޓެސްޓުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަމުން އައީ އައިޖީއެމް ހޮސްޕިޓަލުގެ ލެބޯޓަރީގައެވެ. ފުލުހުންގެ އަމިއްލަ ލެބޯޓަރީގައި މި މަސައްކަތް ފެށުމާ ހަމައަށްވެސް އައިޖީއެމްއެޗް ލެބޯޓަރީގައިވެސް ފުލުހުންގެ ޓީމުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މާރިޗު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ މެދަކާ ހަމައަށް ދިވެހި ފުލުހުންވަނީ އައިޖީއެމްއެޗް ލެބޯޓަރީގައި ކޯވިޑް ސާމްޕަލްތައް ޓެސްޓުކުރުގައި އަވަދިނެތި މަސައްކަތްކޮށްފައެވެ. އަދި އޭގެ ފަހުން ފުލުހުންގެ ލެބޯޓަރީގައި މި މަސައްކަތް ފަށައި މިއަދާ ހަމައަށް އެތަނުގައިވެސް 20000 ވުރެ ގިނަ ޓެސްޓު ވަނީ ހަދާފައެވެ. މިއީ މި ބަލީގެ އެންމެ ނުރައްކާތެރި އެއް މަސައްކަތަށްވާއިރު ދިވެހި ފުލުހުންގެ ތެރެއިން މި މަސައްކަތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ އެއް ފުލުހަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިހްތިޝާމް އަލީއެވެ.

Ihthisham sir 3

ދިވެހި ފުލުހުންގެ ޓީމުގައި ފާއިތުވި 13 އަހަރު ރައްޔިތުންނަށް ހިދުމަތްކުރައްވަމުން އަންނަ ޑރ. އިހްތިޝާމް ފުލުހުންގެ ސަފުތަކާ ގުޅިވަޑައިގަތީ 2007 ވަނަ އަހަރުއެވެ. ފުލުހުންގެ ޑީއެންއޭ ލެބޯޓްރީގެ ހެޑް އަދި ޓެކްނިކަލް މެނޭޖަރެއްގެ މަގާމު މިހާރު ފުރުއްވަމުން އަންނަ ޑރ. އިހްތިޝާމް އަލީ ވަނީ 2005 ވަނަ އަހަރު އިނގިރޭސި ވިލާތުން ބަޔޯކެމިސްޓްރީ އަދި ބަޔޮލޮޖިކަލް ކެމިސްޓްރީން ބެޗްލަރސް އޮފް ސައިންސް ވިތް އޮނަރސް ހާސިލު ކުރައްވާފައެވެ. އަދި ޖެހިގެން އައި އަހަރު އިމިއުނޮލޮޖީ އެންޑް އެލަރޖީން މާސްޓަރސް އޮފް ސައިންސް ޑރ އިހްތިޝާމް ވަނީ އިނގިރޭސިވިލާތުން ފުރިހަމަ ކުރައްވާފައެވެ. އަދި ޖެނެޓިކް ރިސަރޗްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) މި އަހަރު ހާސިލު ކުރައްވައި ދިވެހި ފުލުހުންގެ ނަން ތައުލީމީ ރޮނގުން އެންމެ މަތީ ހަރުފަތުގައި ހިމެނުމުގެ ޝަރަފުވެސް ޑރ. އިހްތިޝާމް ވަނީ ހޯއްދަވާފައެވެ.

ދަރިފުޅާއި އާއިލާ ދޫކޮށް ނަތިޖާ ބުނެދިނުމުގައި

ކޯވިޑްގެ ބަލިމަޑުކަމުގައި އެންމެންގެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހާއްސަކޮށް އެންމެ ބޮޑު ތަކުލީފުތަކެއް އުފުލަންޖެހޭ އެއްބަޔަކީ، މި ބަލިން ރައްކާތެރިވުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކެވެ. ދަރިންނާއި މައިންބަފައިންނާއި އާއިލާ މެމްބަރުން ނުފެނި އަދި ބައްދަލުނުވެ އެތައް ދުވަހަކު ދުރުގައި ތިބެންޖެހުމެވެ.

ކޯވިޑާ އެކު ލެބޯޓަރީގައި ދުވަސްތައް ގުނަން ޖެހުމުން ޑރ. އިހްތިޝާމަށްވެސް އެންމެ އުނދަގޫވި ކަމަކީ އާއިލާއާ ދުރުގައި ހުންނަވަންޖެހުމެވެ. އާއިލާއަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމުގައި ދިމާވި އުނދަގޫތަކާއި ދަތިތަކެވެ.

މާލެ ފުރަބަންދުކުރުމާއެކު ދިވެހި ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް އާއިލާއާ ދުރުގައި ހުންނެވިއިރުވެސް ޑރ. އިހްތިޝާމް އެއްވެސް ވަގުތުކޮޅަކަށް އާއިލާގެ މަތިން ހަނދާންނައްތަވައި ނުލައްވައެވެ. ކިތަންމެ ދުރުގައި ހުންނެވި ނަމަވެސް އާއިލާއަށް ބޭނުންވާ ތަކެތި ހޯއްދަވައި އެތަކެތި ގެއަށް އެތެރެކޮށްދެއްވިއެވެ. މަސައްކަތުގައި ލިބޭ ކުޑަ ހުސްވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވައިގެން އާއިލާގެ ކަންކަންވެސް ފުރިހަމަކޮށްދެވީ އާއިލާ ދެކެ އިންތިހާއަށް ލޯބިވާ އަދި އާއިލާގެ އެންމެ އިސް މީހެއްގެ ހުންނަންޖެހޭ އެއްވެސް ސިފައެއް ދޫކޮށްލެއްވުމެއް ނެތިއެވެ.

Ihthisham sir 2

އެހެންނަމަވެސް މި މަސައްކަތުގައި އަވަދި ނެތި އުޅުއްވާއިރު ޑރ. އިހްތިޝާމްވެސް ހިތްދަތިވާ އެއްކަމެއް އެބައޮތެވެ. ހުރި ހަމައެކަނި ދަރިފުޅާ ބައްދަލުނުވެ ވަގުތުތައް ގުނަންޖެހުމެވެ. އާއްމު ދިރިއުޅުމުގައި ދަރިފުޅާ އެކު ހޭދަކުރާ ވަގުތުތަކާއި ދަރިފުޅު މިސްވުމެވެ.

"އެންމެ އުނދަގޫވެ ހިތްދަތިވަނީ ދަރިފުޅާ ބައްދަލު ނުވާތީ. ދަރިފުޅާ އެކު ހޭދަކުރާ ވަގުތުތައްވެސް މިއަދު މި ގުނަނީ ލެބޯޓަރީގައި. ދަރިފުޅާ އެކު ކުޅެ ސަކަރާތްޖެހުމާއި ހަފްތާ ބަންދުގައި ތަންތަނަށް ޒިޔާރަތްކުރާ ވަގުތުތައް ވަރަށް ހަދާންވޭ." ޑރ. އިހްތިޝާމް އަލީ ވިދާޅުވިއެވެ.

އާއިލާއާ ދުރުގައި އެތައް ވަގުތަކު މަސައްކަތް ކުރައްވަންޖެހުނު ނަމަވެސް، މުޅި ދުނިޔޭގެ އިތުރުން ދިވެހިންނާ ކުރިމަތިވެފައިވާ މި ކާރިސާއިން ދިވެހިން ސަލާމަތްކޮށްދިނުމަށް ކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިގަންނަވާކަށް ޑރ. އިހްތިޝާމް ބޭނުންފުޅެއް ނުވެއެވެ. ކިތަންމެ ގިނައިރަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެއްވެސް ޝަކުވާއެއް ނެތެވެ. ޑރ. އިހްތިޝާމް ވިދާޅުވީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހިން ޑރ. އިހްތިޝާމްގެ ހިދުމަތް ބޭނުންވިއިރު އެކަމުގައި އެންމެ ކުރީ ސަފުގައި ހުރުމުގެ ފުރުސަތު ލިބުމެވެ. އަދި ކުރާ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އެންމެ ރަނގަޅަށް އަދާކުރެވުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

Ihthisham sir 4

މި ވާހަކަތައް ކަނުލާ އަޑުއަހާ

މަސައްކަތުގައި ކިތަންމެ އަވަދި ނެތި އުޅުނަސް ދިވެހި ރައްޔިތުންނާއި އެކުވެރި ފުލުހުންނަށް ޑރ. އިހްތިޝާމް ދެއްވަން ބޭނުންފުޅުވާ މެސެޖެއް އެބައޮތެވެ. ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުގައި ދިވެހި ފުލުހުން އަބަދުވެސް ތިބޭނީ ސާބިތުކަމާ އެކުއެވެ. އެހެންނަމަވެސް ރައްޔިތުންވެސް ކޮށްދޭންޖެހޭ ކަމެއް އެބައޮތެވެ. ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުތައް ކަނުލައި އަޑު އައްސަވައި އެއަށް އަމަލުކުރައްވާށެވެ. މީ ހަމައެކަނި ބަލިޖެހޭ މީހަކަށް އެކަނި އޮތް ނުރައްކަލެއް ނޫނެވެ. އަޅުގަނޑުމެންގެ ދަރީން އެތިބީ ސްކޫލަށް ނުދެވި ގޭގައެވެ. ބައެއް މީހުންގެ ވަޒީފާ ގެއްލި މަގުމަތިވަނީއެވެ. ވިޔަފާރިތައް ހުއްޓި ދަތިތަކާ ކުރިމަތިލާންޖެހެނީއެވެ. މި ހުރިހާ ކަމަކުންވެސް އަރައިގަނެވޭނީ މި ބަލި ކޮންޓްރޯލް ކުރެވިގެންނެވެ. އެކަންވާނީ ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަންގަވައި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ތަބާވެގެންނެވެ. މާސްކު އަޅައި ގައިދުރުކަން ބަހައްޓައިގެންނެވެ.

ކޯވިޑް 19 އިގެ މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ތަހުގީގު ޓީމުގައި މަސައްކަތްކުރާ ފުލުހުންނާއި ފޮރެންސިކް ސަރވިސް އަދި ފުލުހުންގެ އެތެރޭގެ ކަންކަން ރާވައި ހިންގަމުންދާ ފުލުހުންގެ މަސައްކަތްތައްފެނި އިތުރު ހިއްވަރެއް ލިބޭކަމުގައި ވިދާޅުވިއެވެ.

އެކުވެރި ފުލުހުންނަށް ޑރ. އިހްތިޝާމް ދެއްވީ ވަރަށް ކުރު އެހައިމެ ފުން މެސެޖެކެވެ. ފުލުހުންނަކީ އަބަދުވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންކަމުން އެކަމުގައި ސާބިތުކަމާ އެކު ގައުމީ ރޫހުގައި ދެމިތިއްބަވާށެވެ. ފަހުރުވެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައެވެ.