LatheefSirInterview

ޒަމާނީ ތަޞައްވުރާއެކު ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ބައްޓަންކުރެވިގެން ރައްޔިތުންނާއި ގާތުން ޚިދުމަތްދޭން ފެށިތާ މިއަދަށް މިވީ 16 އަހަރެވެ. މިތާރީޚީ ބޮޑު ބަދަލު ގެނައުމަށް އޭރު ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި އިސްވެރިން ކުރެއްވި މިންނެތް މަސައްކަތްތަކާއި ވެވަޑައިގެންނެވި ގުރުބާނީގެ މަތިން މިފަދަ ދުވަހެއްގައި ހަނދާން އައު ކުރުމަކީ ވަރަށްވެސް މުނާސަބު ކަމެކެވެ. އެގޮތުން ތިރީގައި މި ގެނެސްދެނީ މިތާރީޚީ ބަދަލު ގެނެސް ދެއްވި ޚިދުމަތްތެރިންގެ ތެރެއިން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހިމް ލަތީފް ޕޮލިސް ލައިފަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އާޓީކަލްއެކެވެ.

ޚިދުމަތާ ގުޅިވަޑައިގަތުން، ރިޓަޔރކުރެއްވުމާއި މިހާރުގެ ދިރިއުޅުއްވުން

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހިމް ލަތީފް، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާޞިލުކުރެއްވުމަށްފަހު 1984 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް ނުކުމެ ވަޑައިގެންނެވީ މިދާއިރާއަށް އޮންނަ ޚާއްސަ ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ. ޚިދުމަތާ ފުރަތަމަ ގުޅިވަޑައިގެންނެވީވެސް ލާންސް ކޯޕްރަލް ރޭންކުގައެވެ. އެއިގެ ފަހުން 23 އަހަރު ޚިދުމަތްކޮށްފައިވާއިރު، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ދައުރުން ފެށިގެންވެސް އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވަނީ ފުލުހުންގެ ތެރޭގައެވެ. ކުރީގެ ހަނދާންތައް އައުކުރައްވަމުން ލަތީފް ސަރ ވިދާޅުވީ އޭރު ފުލުސްއޮފީސް ހިންގަނީ "ބޮޑުގެ" (މިހާރު އެމް.އެން.ޑީ.އެފްގެ މެއިން ހެޑްކުއަރޓަރޒްގެ މެއިންގޭޓްމަތި) ގައި ކަމަށާއި ފުރަތަމަ މަސައްކަތް ފެއްޓީ ޓްރެފިކް ބަލަހައްޓާ ސަރުދާރެއްގެ ގޮތުގައިކަމަށެވެ.

MA-LeicesterUni Graduation

މަތީ ތަޢުލީމު ހާޞިލުކުރައްވާފައިވަނީވެސް ޕޮލިސިންގެ ދާއިރާއިންކަން ފާހަގަކުރެވެއެވެ. ވެސްޓަން އޮސްޓްރޭލިއާގެ އެޑިތްކޮވަން ޔުނިވަރސިޓީން އެސޯސިއޭޓް ޑިގްރީ އޮފް ސޯޝަލް ސައިންސް އިން ޕޮލިސް ސްޓަޑީޒް އަދި އޭގެފަހުން އިނގިރޭސި ވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން ޕޮލިސް ސްޓަޑީޒް (ކޮމްޕެރަޓިވް ޕޮލިސް އެންޑް ސޯޝަލް ކޮންފިލްކްޓްސް) އިން މާސްޓާރސް ޑިގްރީ ފުރިހަމަކުރައްވާފައިވެއެވެ. އަދި މިދާއިރާއިން އެކި ފެންވަރުގެ ތަމްރީނުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކޮށް ރަންވަނަތައްވެސް ހާޞިލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ލަތީފް ސަރ އަކީ ޔުނައިޓެޑް ސްޓޭޓްސް އާރމީ ، އަދި ހަވާއީގެ އޭސިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒް އަދި ޔޫއެސް އާރމީގައި މަތީ ފެންވަރުގެ ތަމްރީނުތައް ފުރިހަމަކޮށް ގްރެޖުއޭޓްވެފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 23 އަހަރު ދުވަހުގެ ތެރޭގައި އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވެއެވެ. އެގޮތުން ސިފައިންގެ ދައުރުގައި ސެކިއުރިޓީ ޑިވިޜަންގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި ފުލުހުންގެ ހެޑް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންގެ މަޤާމާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވެއެވެ. ފުލުހުންގެ ޚިދުމަތުގައި އަމިއްލަ އިސްނެންގެވުމާއެކު ގިނަގުނަ ޕްރޮޖެކްޓްސްތައް ހިންގަވައި ދާއިރާއިން ލިބިވަޑައިގެންނެވި ތަޢުލީމާއި ތަމްރީނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވައި ޤައުމާއި ރައްޔިތުންގެ މުސްތަޤުބަލަށް އަގުނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. އެހުރިހައި ޚިދުމަތްތަކަށް މިފަދަ ލިޔުމެއްގައި އަލިއަޅުވާލުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.

ފުލުހުންގެ ވަޒީފާއިން 2007 ވަނަ އަހަރުގެ ތެރޭގައި އަމިއްލަފުޅަށް ރިޓަޔަރކުރެއްވުމަށްފަހު މިހާރު މަސައްކަތްކުރައްވަނީ ވެސްޓަރން އޮސްޓްރޭލިޔާ ޕޮލިސްގެ ސީނިއަރ އެޑްވައިޒަރެއްގެ މަޤާމުގައެވެ. "ފުލުހަކު ވަޒީފާއަށް ވަންނަ ފުރަތަމަ ދުވަހުން ފެށިގެން މަރުވަންދެންވެސް އެމީހަކީ ފުލުހެއް. ތަފާތަކީ މަސައްކަތްކުރާތަން ބަދަލުވުން. ހިތާ ރޫހުންވާނީ ފުލުހުންގެ ތެރޭގަ." މިދާއިރާގައި ދެމިހުރުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ ފަރާތުންކަން ލަތީފް ސަރ ފާހަގަކުރެއްވިއެވެ. އަދި މިދާއިރާއިން ކުރިއަށް ވަޑައިގަތުމުގައި ލަތީފް ސަރގެ މެންޓޯއަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުﷲ ޝަކޫރު އަބްދުﷲ ކަންވެސް ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މުއައްސަސާ މިނިވަން މަދަނީ މުއައްސަސާއަކަށް ބަދަލުވުމާއި، ލަތީފް ސަރ ގެ ދައުރު

ފުލުހުންނާއި ސިފައިން ވަކި ދެ މުއައްސަސާއަކަށް ބަދަލު ކުރެއްވުމަށް ސަރުކާރުން ނިންމައި އެކަން އިޢުލާންކުރުމާއެކު ފުލުހުންގެ މަދަނީ މުއައްސަސާ އާރާސްތުކުރަންޖެހުނީ ސުމަކުން ފައްޓައިގެންނެވެ. އެގޮތުން ފުލުހުންގެ ޔުނީފޯރމް އެކްސެސަރީސްތަކުން ފެށިގެން ބޭނުންކުރަމުން ދިޔަ އާލާތްތަކާއި، އުޅަނދު ފަހަރުތަކާއި، އަދި އިންފްރާސްޓްރަކްޗަރ ތަކާއި ފުލުހުންނަށް ދެމުން ގެންދިޔަ އަސާސީ ތަމްރީނު ފަދަ އެންމެހައި ކަންކަން ޒަމާނީ ފުލުހުންގެ ތަޞައްވުރާއި އެއްގޮތަށް ބައްޓަންކުރަން ޖެހުނެވެ. މި ބުރަ ބިޔަ އަދި އުންމީދީ މަސައްކަތްކުރުމަށް ފުލުހުންނަށް ލިބިފައި އޮތީ އެންމެ 6 މަސްދުވަހެވެ. އެގޮތުން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު، އެމަސައްކަތަށް ޚާއްސަ ކުރެއްވި ޗޭންޖް މެނޭޖްމަންޓް ކޮމެޓީގެ ޗެއަރމަނަކަށް ހަމަޖެއްސެވީ އިބްރާހިމް ލަތީފް، ނުވަތަ ފުލުހުންނަށް ފަރިތަ ނަމުންނަ ނަމަ ލަތީފް ސަރ އެވެ. "އަޅުގަނޑު އެއެޕޮއިންޓްމަންޓް ބަލައިގަތީ ނާރވަސްކަމާއިއެކު އެހަނަސް ވަރަށް އުފަލުން ހުރެ. އެއީ އަޅުގަނޑަކީ އަބަދުވެސް ފުލުހުންގެ މަސައްކަތަކީ ވަކިން އޮންނަންޖެހޭ ކަމެއްކަމަށް ވާހަކަދައްކާ، މިކަމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ މީހަކަށްވާތީ." ލަތީފް ސަރ ވިދާޅުވިއެވެ.

Official1

މިމަސައްކަތާއި ހަވާލުވެވަޑައިގެންނެވި އިރުވެސް މަސައްކަތުގެ ބޮޑުކަމާއި، ބުރަކަން އިޙްސާސްކުރެވުނުކަމާއި އެކަމާއި ހަވާލުވެވަޑައިގަތީވެސް އެކަން އެނގިހުރެކަން ލަތީފް ސަރ ފާހަގަކުރެއްވިއެވެ. "އަޅުގަނޑާއިއެކު ކޮމެޓީގައި ވަރަށް ޤާބިލު އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ތިއްބެވުންވީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ހިތްހަމަ ޖެހުމެއް." ކޮންމެއަކަސް ވަކި ތާރީޚަކަށް މަސައްކަތް ނިންމަންޖެހޭތީ، މިޓީމުން މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސްފައިވަނީ ވަރަށްވެސް ހަލުވި ކަމާއި މުރާލިކަމާއެކުގައެވެ. އެގޮތުން އެ 6 މަސް ދުވަސްތެރޭގައި އެވްރެޖް ގޮތެއްގައި 17 ގަޑިއިރު މިޓީމުން މަސައްކަތްކޮށްފައިވެއެވެ. އަދި އޭރުގެ ކޮމިޝަނަރ އާދަމް ޒާހިރުގެ ލަފައާއި މަޝްވަރާއާއި އިރުޝާދު ބޭނުންވި ކޮންމެ ހިނދެއްގައި އެއްވެސް ލަސްވުމެއްނެތި ލިބެމުންދިޔަކަމީ ކުރެވުމުން ދިޔަ މަސައްކަތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔުމުގެ އަސްލުކަމަށް ލަތީފް ސަރ ވިދާލުވިއެވެ.

"އަލަށް އުފެއްދުމަށް ސަރުކާރުން ނިންމަވާފައިވާ ފުލުހުންގެ މުއައްސަސާ އުފެއްދުމަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޯރ ނެޝަނަލް ޔުނިވަރސިޓީގެ ޗޭންޖްމެނޭޖްމަންޓާއިބެހޭ އެކްސްޕަރޓެއްގެ އިރުޝާދު ހޯދުނު. މާތްﷲގެ ކިބަފުޅުން ވާގި އެދިގެން 8 މާރޗް 2004 ވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ކުޑަކޮންފަރެންސް ރޫމް (ކޮމިޓީ ރޫމް) ގައި މަސައްކަތް ފެށުނު." މިމަސައްކަތް ފަށައިގަނެވުނު ދުވަސް ހަނދާނަށް ގެންނަވައި ލަތީފް ސަރ ވިދާޅުވިއެވެ.

ފުލުހުންގެ ވަކި ތަޞައްވުރެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް އެކުލަވާލި ޗޭންޖް މެނޭޖްމަންޓް ކޮމެޓީން އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތަކަށްވީ 29 މާރޗް 1933 ގައި އައްސުލްތާނު މުޙައްމަދު ޝަމްޝުއްދީން (އިސްކަންދަރު 3) 120 މީހުންގެ މައްޗަށް އުފެއްދެވި ފޯސްގެ މަޤްސަދާއި، ބޭނުން އެންމެފުރިހަމަ ގޮތުގައި ހާސިލްނުވި ސަބަބުތައް ދިރާސާ ކުރުމެވެ. "އެ ދިރާސާއިން އެންމެބޮޑަށް ފާހަގަކުރެވުނީ، ފުލުހުންގެ ނަމުގައި 71 އަހަރު ވަންދެން ފުލުހުންގެ ފޯރސްއެއް އެސްޓެބްލިޝްވެފައިވިޔަސް ފުލުހުންގެ މަސައްކަތާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނުދެވިފައިނުވާކަން." އެހެންކަމުން ފުލުހުންގެ މުއައްސަސާގެ މިސްރާބު ހިފީ ތަޢުލީމާއި ތަމްރީނަށް އިސްކަންދިނުމަށެވެ.

MPSDinnerJacket

ފުލުހުންނަކީ މިނިވަން މުސްތަގިއްލު ވަކިބަޔަކަށް ވުމުން ފުލުހުންގެ ސްޓްރެޓެޖިކް ޑިރެކްޝަން ބައްޓަންކުރެވުނީ "ޕީލިއަން ޕްރިންސްޕަލް" ނުވަތަ ރައްޔިތުންނަކީ ފުލުހުން، ފުލުހުންނަކީ ރައްޔިތުން ކަމަށް ބަލައިގަންނަ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުމުގެ މައްޗަށް ކަން ފާހަގަކުރެވެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި ފަންނީ އެހީތެރިކަމާއެކު މިމަސައްކަތްކުރަމުން ދިޔައިރުވެސް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވިކަން ލަތީފް ސަރ ފާހަގަކުރެއްވިއެވެ.

"ސިޔާސީގޮތުން މިގެންނަން ފައްޓާފައިވާ ބަދަލުތައް ހުއްޓުމަށް އެތައް ޕްރެޝަރެއް ލިބެމުން ދިޔަ. ނަމަވެސް ސަރުކާރުގެ ރުހުމާއި ޕޮލިޓަކަލްވިލް މިބަދަލު ގެނައުމަށް ލިބެމުންދިއުންވީ މަސައްކަތް ނުހުއްޓި ކުރިއަށް ދިއުމުގެ ހިތްވަރަކަށް."   ލަތީފް ސަރ ވިދާޅުވިއެވެ. އެގޮތުން މިމައްސަކަތުގައި ރާއްޖެއާއި ރާއްޖޭންބޭރުގެ ފަންނީ މާހިރުންގެ މަޝްވަރާއާއި ތަޖްރިބާގެ ބޭނުންކޮށްފައިވެއެވެ. ރާއްޖޭގެ ފުންނާބުއުސް ދިވެހި އަދަބިއްޔާތުގެ މާހިރުން، ހިސްޓޯރިއަނުން، ގްރެފިކް ޑިޒައިނަރުންނާއި އާޓިސްޓުން، ދިވެހިބަހުގެ މާހިރުންނާއި ޤާނޫނީ ވަކީލުންނާއި، ދީނީ ޢިލްމުވެރިންނާއި ދިވެހި މުޖްތަމައުގެ ތަޖުރިބާކާރުންގެ މަޝްވަރާއާއި ލަފާ ފުޅާދާއިރާއެއްގައި ހޯދާފައިވެއެވެ.

މިބަދަލަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް އެއިގެ ފައިދާކުރަނިވި ބަދަލަކަށް ހެދުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރެވެއެވެ. "ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފުލުހުން ތަމްރީނުކުރަން ފެއްޓުނު. އަދި ފުލުހުން ތަމްރީނުކުރުމުގެ ދާއިމީ ހައްލަކީ ފުލުހުން ތަމްރީން ކުރުމަށް އަސާސީ ތަމްރީނުން ފެށިގެން ސްޕެޝަލައިޒްޑް ތަމްރީނު ދިނުމަށް ރާއްޖޭގައި މަރުކަޒުތަކެއް ގާއިމު ކުރުން ކަމަށްވާތީ މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި ރިސޯސް ތަރައްޤީ ކުރަންފެއްޓުނު"

ގިނަ ބައެއްގެ ބުރަ މަސައްކަތްތަކާއި ޤުރުބާނީތަކެއް ޝާމިލުވެގެން 01 ސެޕްޓެމްބަރު 2004 ގައި ފުލުހުން މިނިވަން މަދަނީ މުއައްސަސާއެއްގެ ގޮތުގައި ރަސްމީ ގޮތުން ހަމަޖެހިގެން ދިއުން ވެގެންދިޔައީ ފުލުހުންގެ ޒަމާނީ ތަޞައްވުރެއްގެ ބިންގާ އެޅުނު ދުވަހަށެވެ. އެއިގެ ފަހުން 16 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު ތަފާތު ގިނަގުނަ ތަޖުރިބާތަކެއް މިކުރު މުއްދަތުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއިން މިވަނީ ތަޖުރިބާކޮށްފައެވެ. ޑިމޮކްރަސީގެ ދަތުރުގައި ދިވެހި އެންމެހައި ރައްޔިތުން ފަދައިން ފުލުހުންވެސް މިވަނީ އެކިކަހަލަ އިބްރަތްތަކެއް ހާޞިލުކޮށްފައެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުނީއްސުރެ މިދިޔައަހަރާއި ޖެހެންދެންވެސް ފުލުހުން ކުރިމަތިލަމުން ތަޖުރިބާކުރަމުން ދިޔައީ ބިރުވެރި ނުރައްކާތެރި ޙާލަތްތަކާ. ނަމަވެސް ފަސްޖެހުމެއްނެތި ގައުމާއި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަން ޔަޤީންކޮށް ދިނުމަށް ފުލުހުން ވަނީ ވަރަށް ބޮޑެތި ގުރުބާނީތަކެއްވެ، ލައިން އޮފް ޑިއުޓީގައި ޝަހީދުވެ، ފުލުހުން އުފެދުނު މަގުޞަދު ކާމިޔާބުކޮށް ދިފާއުކޮށްފައި. ފުލުހުންގެ މަސައްކަތަކީ ބަދަލުވަމުންދާ ޙާލަތްތަކަށް ރިއާޔަތްކޮށް ބައްޓަން ކުރަންޖެހޭ މަސައްކަތެއް، މިކަމަށް އަބަދުވެސް ސަރުކާރުން އިންވެސްޓް ކުރަންޖެހޭނެ." ލަތީފް ސަރ ވިދާޅުވިއެވެ.

ފުލުހުންގެ ކުރިމަގާމެދު ލަތީފް ސަރ ގެ ވިސްނުން ހުރީ ވަރަށް ވެސް އުންމީދީކޮށްކަންވެސް މިއިންޓަރވިއުއިން އެނގިގެން ދިޔައެވެ.ސަރ ދެކެވަޑައިގަންނަވާ ގޮތުގައި ޕޮލިސް ސަރވިސް އުފެދުނުތާ 16 އަހަރު ފާއިތުވެގެން ދިޔައިރު ޖުމްލަގޮތެއްގައި ފުލުހުންނަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެއްދުމުގެ މަގްސަދާއި ލަނޑުދަނޑިތައް ދަނީ ހާސިލް ކުރެވެމުންނެވެ. އަދި ގޮންޖެހުން ތަކާއިއެކުވެސް، ފުލުހުންގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށް ވިދާޅުވިއެވެ. "މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެ ސަރވިސްގައި ޚިދުމަތްކުރާ ފުލުހުންނަކީ ރައްޔިތުން އިތުބާރުކުރާ، ސައުތުއޭޝިޔާގައިވާ އެންމެ ޕްރޮފެޝަނަލް ޕޮލިސް އޮގަނައިޒޭޝަންއަށް ވުން މިއީ އަޅުގަނޑުގެ އުއްމީދު. އަދި ތަޞައްވުރުވެސްމެ. މިއީ އިރާދަކުރެއްވިއްޔާ ޙާސިލުކުރެވިދާނެ ލަނޑުދަނޑިއެއް."

ވެސްޓަރން އޮސްޓްރޭލިޔާގައި ހުންނަވައިގެން ޕޮލިސް ލައިފަށް ވާރޗުއަލްކޮށް ދެއްވި އިންޓަވިއުގައި މީޑިއާގެ ދައުރާއި ގުޅޭގޮތުންވެސް ލަތީފްސަރ ވަނީ މުހިއްމު މެސެޖްތަކެއް ދެއްވާފައެވެ. ފުލުހުން ކުރާ މުހިންމު މަސައްކަތްތައް (ރަނގަޅުވިޔަސް، ގޯސްވިޔަސް) ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއްކުޅޭ ބަޔަކީ މީޑިއާ. ވީއިރު، ފުލުހުންނާއި މީޑިޔާއަކީ ވަރަށްގާތްކޮށް މަސައްކަތް ކުރަންޖެހޭ ބައެއް. އަދި މިގުޅުމަކީ ވަރަށް އިޚްލާސްތެރި ޕްރޮފެޝަނަލް ގުޅުމަކަށްވެސް ވާންޖެހޭ."

އިންޓަވިއު ނިންމާލަމުން ދިވެހި ފުލުހުންނަށް ސަރ ދެއްވި މެސެޖަކީ "ޤާނޫނު ތަންފީޒު ކުރުމަށް ފަސްނުޖެހި، އިންސާފުވެރިކަމާއި ހަމަހަމަ ކަމާއިއެކު، ހެޔޮ ނިޔަތުގައި ޚިދުމަތްކުރައްވާ. " މިއެވެ. ޕޮލިސް ލައިފުން އަބަދުވެސް އެދެނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހިމް ލަތީފް އަށް ކާމިޔާބީ މިންވަރުކުރެއްވުމެވެ.